ENGLISH

14 ޖެނުއަރީ 2026

Advertisement

މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ދޭންޖެހޭ 98 މިލިއަން ރުފިޔާ ނުދޭ، ޕެންޝަން އޮފީހާއެކު ދަނީ މަސައްކަތްކުރަމުން

14 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލު އަދި އެ ކުންފުނީގެ ބައެއް މުވައްޒަފުން

ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ބަރާބަރަށް ޖަމާކުރުމުގައި ކުންފުންޏަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލިބެންޖެހޭ ފައިސާ ނުލިބުންކަމަަށާއި، އެގޮތުން ހަމައެކަނި މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ 98 މިލިއަން ރުފިޔާ ނުލިބި އެބަހުރިކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމުގައި އެ ކުންފުންޏަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާނުކުރެވޭތާ މަސްތަކެއް ފާއިތުވެފައިވާކަން ހާމަވުމާ ގުޅިގެން އެ ކުންފުނިންވަނީ އެ މައްސަލަ މެދުވެރިވި ސަބަބާއި އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަފުސީލުކޮށްދީ ބަޔާނެއް ނެރެފައެވެ. 

އެ ބަޔާނުގައި ވެމްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ދެމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީއާއި، ހެޔޮ އަގުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ނުވަތަ ސަބްސިޑީ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. 

ކުންފުނީގެ އާމްދަނީއަކީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާކަމަށްވާއިރު ބައެއް ފަރާތްތަކުން ހިދުމަތްތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރަމުން މިސާލެއްގެ ގޮތުން މާލެ ސިޓީ ކައުންސިލުން ނުދައްކައި ހުރި ފައިސާގެ ތަފުސީލު ވެމްކޯއިން ހާމަކުރިއެވެ. 

އެ ކުންފުނިން ބުނި ގޮތުގައި މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދޭންޖެހޭ 98 މިލިއަން ރުފިޔާ ނުދީ އެބަހުއްޓެވެ. އެ ފައިސާ ހޯދުމަށް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުވެސް އެކި ފަހަރު މަތިން އެ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވާކަމަށް އެ ކުންފުނިން ބުންޏެއވެ. 

އަދި މުވައްޒަަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫ ނާރައި ބަރާބަރަށް ހިދުމަތް ފޯރުކޮށްދެވޭނީ ކުންފުންޏަށް ލިބެންޖޭ ފައިސާ ލިބިގެންކަމަށްވާތީ، ސިޓީ ކައުންސިލުން ދޭންޖެހޭ ފައިސާ ހޯދުމުގައި އެހީތެރިވުމަށް ފިނޭންސް މިނިސްޓްރީގައި އެ ކުންފުނިންވަނީ އެދިފައެވެ. 

އެ ކުންފުނިން ބުނި ގޮތުގައި އެ ފައިސާ ހޯދޭނެ ގޮތްތަކާމެދު ފިނޭންސް މިނިސްޓްރީއާއެކު މިހާރުވެސް ވެމްކޯއިން އަންނަނީ މަޝްވަރާކުރަމުންނެވެ. 

އޭގެ އިތުރަށް ޕެންޝަން ފައިސާ ޖަމާކުރުމުގައި އެ ކުންފުންޏަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ޕެންޝަން އޮފީހާއެކު ތަފާތު އެކި ފަހަރު މަތިން މަޝްވަރާކުރެވިފައިވާކަން ފާހަގަކުރަމުން ވެމްކޯއިން ބުނީ މުވައްޒަަފުންނަށް ހައްގުވާ ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު