ENGLISH

30 ޑިސެމްބަރު 2025

Advertisement

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުފާވެރި ހަބަރެއް؛ ތިން ޝަކުވާއަކަށް އަވަސް ތަސައްލީއެއް

30 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކުދި އަދި މެދުފަންތީގެ ވިޔަފާަރިވެރިންނާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގުތިސާދުގެ އިންޖީނުގެ ހަކަތަ ކަމުގައި ގަބޫލުކުރައްވައި، އެފަދަ ވިޔަފާރިތަކާ ބައްދަލުކުރައްވައި، އެ ވިޔަފާރިތަކަށް ކުރިމަތިވެފައި ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. 

އެމަނިކުފާނު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރެއްވުމުން، ވިޔަފާރިވެރިންވަނީ އެކި ދާއިރާތަކުން ކުރިމަތިވަމުންދާ ބޮޑެތި ގިނަގުނަ ގޮންޖެހުންތަކާއި ދަތިތައް އެމަނިކުފާނާ ހިއްސާކޮށްފަައެވެ. އެ ކަންބޮޑުވުންތަކުގެ އަލީގައި ކުރިއަށް އޮތް ދެ އަހަރަކީ އެސްއެމްއީތަކުގެ ތަރައްގީއަށް ހާއްސަަ މަސައްކަތްތަކެއް ކުރެވިގެންދާނެ ދެ އަހަރުގެ ގޮތުގައި ރައީސް ކަނޑައެޅުއްވިއެވެ. 

އެގޮތުން އަންނަ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތައް ހޯދައިދީ ހާއްސަ އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ތަންފީޒުކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ތަންފީޒުކުރެވިގެންދާނެކަން ރައީސް އިއުލާނުކުރައްވާފައިވެއެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީންވަނީ އެއިން ބައެއް ކަންކަން ހާމަކޮށްފައެވެ. 

މުދާ ރައްކާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެހެނީ

ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުދާ އެތެރެކުރުމަށްފަހު ގުދަންކުރުމެވެ. މާލޭ ސަރަހައްދުގައި އަދި އާބާދީ ބޮޑު ތަރައްގީވަމުން އަންނަ ޝަހަރުތަކުގައި ގުދަނުގެ ކުލި ނުހަނު ބޮޑެވެ. ނަތީޖާއަކީ ވިޔަފާރީގެ ފައިދާ ކުޑަވުމާއި، މުދާ ރައްޔިތުންނަަށް ފޯރުކޮށްދޭއިރު ގުދަނަށް ކުރަންޖެހޭ ހަރަދު މުދަލުގެ އަގުގައި ހިމެނުމުން މުދަލުގެ އަގު އުފުލުމެވެ. 

މި މައްސަލަތައް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ހާއްސަ ސިޔާސަަތެއް އެކަށައަޅާފައެވެ. އެއީ މާލޭ ސަރަހައްދާއި، ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީގައި މެދު އަދި ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން މުދާ ރައްކާކުރެވޭނެ ތަންތަން ގާއިމުކޮށް، ހެޔޮ އަގުގައި ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. 

އެ ވުޒާރާއިން ބުނެފައިވަނީ އެ މަސައްކަތް ކުރިއަށްގެންދާ ގޮތުގެ ތަފުސީލުތައް ކަމާ ގުޅުންހުރި ފަރާތްތައް ހިމެނޭ ގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށެވެ. 

މުދާ ކްލިއާކުރުން އަވަސްކުރުން 

ވިޔަފާރިވެރިން ރައީސް އަރިހުގައި އެންމެ ގިނައިން ފާހަގަކުރި އެއް މައްސަލައަކީ އެމްޕީއެލްއިން މުދާ ކްލިއާކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި ބަނދަރު ސަރަހައްދަށް އުޅަނދުފަހަރު ވެއްދުމާއި، އެ ސަރަހައްދުގައި އުޅަނދުފަހަރު ހަރަކާތްތެރިވުމުގައި ދިމާވާ އެކި ގޮންޖެހުންތަކެވެ. 

އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުންވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން އިގުތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އެމްޕީއެލްއިން މުދާ ކްލިއާކުރުން މިހާރަށްވުރެ އަވަސްކުރުމާއެކު، ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖައްސައި އެކަންކަން މިނިސްޓްރީން ކައިރިން ބަލަމުންދާނެ ކަމަށެވެ. 

ދިވެހިންނަށް ކުލީ ކޮޓަރި ދޫކުރާ ވިޔަފާރިތަކަަށް ފަސޭހަތަކެއް 

ދިވެހިންނަަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ވިޔަފާރިތަކުގެ ޝަކުވާތައްވެސް ރައީސާ ހަމައަށް އުފުލާފައިވެއެވެ. އެފަދަ ވިޔަފާރިތައް ޓޫރިޒަމް ވިޔަފާރިތަކުގެ ގޮތުގައި ގިންތިކޮށް ޓީޖީއެސްޓީ ނެގުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ހުއްދަތައް ހޯދުމުގައި ގިރާކުރަންޖެހޭ ހުރަސްތަކެވެ. އަދި އެފަދަ ތަންތަނަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ޕާމިޓް ނުލިބުމުގެ މައްސަލައެވެ. 

އެކަންކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރުމުގައި އަދި ހުއްދަތައް ހަމަޖެހުމުގައި ކުރިން ދިމާވަމުން އައި ހުރިހާ ދަތިތަކެއް މިހާރު ހައްލުކޮށްދެވިފައިވާ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ނެގުމަށް ދޫކުރާ ވޯކް ޕާމިޓް ނުލިބުމުގެ މައްސަލަވެސް ހައްލުކުރެވިފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު