ENGLISH
30 ޑިސެމްބަރު 2025
ވައުދު ފުއްދަވައި އައްޑޫއަށް އުންމީދު؛ ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ހުޅުވައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
30 ޑިސެމްބަރު 2025
|
އައްޑޫ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުން
އައްޑޫ ސިޓީގައި ހިންގާ މަދު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ވިލިނގިލި ބަންދުކޮށްފައި އޮންނަތާ ފަސް އަހަރު ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެ ރިސޯޓު އަލުން ހުޅުވައި ފަތުރުވެރިންނަށް ހިދުމަތް ދޭން ފަށައިފިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް ނެތުމެވެ. އަދި ހާއްސަކޮށް އެ އަތޮޅުގައި ހުރި މަދު ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ބަންދުކޮށްފައި އޮތުމެވެ.
އެ މައްސަލަ ހައްލުކުރެއްވުމަށް އެއިރު އެމަނިކުފާނު ވައުދުވެވަޑައިގަތެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އެ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން ގިން މަސައްކަތްތަކެއް ކުރިއެވެ. އެމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޑިސެންބަރު މަސް ނިމުމުގެ ކުރިން އެ ރިސޯޓު ހުޅުވޭ މިންވަރަށް ކަންކަން ފަހިކުރެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މި އަހަރު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ޝަންގްރިއްލާ ރިސޯޓު 2020 ވަނަ އަހަރު ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ބަންދުކުރިއިރު އެ ރިސޯޓުގައި 500 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރިއެވެ. އެހެންކަމުން އެ ރިސޯޓު އަލުން ހުޅުވިގެންދިއުމަކީ އައްޑޫ ރައްޔިތުންނަށް އެމީހުން ދިރިއުޅޭ ސަރަހައްދުން ވަޒީފާގެ ފުރުސަތު ލިބުމުގެ އުންމީދު އައުވާނެ ކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން ޝަންގްރިއްލާ ރިސޯޓު ހުޅުވުމަށް އެތަނުގެ މެނޭޖުމެންޓާއެކު ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ކުރަންހުރި މަރާމާތުތައް ދެނެގަނެ، އެކަންކަން ކުރުމަށް ދޭންޖެހޭ ހުއްދަތައް ދީ އެ މަސައްކަތަށް ސަރުކާރުންވަނީ މަގުފަހިކޮށްދީފައެވެ.
ރިސޯޓު ހުޅުވުމަށް ސަރުކާރުން ވެދިން މަދަދާއެކު ރިސޯޓު ހުޅުވޭ މަރުހަލާއަށް ކަންކަން ގެނެވި، ނޮވެންބަރު މަހުން ފެށިގެން އެ ރިސޯޓަށް މުވައްޒަފުން ނެގުމުގެ މަސައްކަތްވަނީ ފަށާފައެވެ. ރައީސް އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް ކުރިއަށް ގޮސްފައި އޮތް މިންވަރު ބެއްލެވިއެވެ.
ސަރުކާރުން ބުނީ ޝަންގްރިއްލާ ރިސޯޓު ފަސް އަހަރު ފަހުން ހުޅުވުމަކީ އައްޑޫ ރައްޔިތުންނަށް އެ ސަރަހައްދުން ވަޒީފާގެ ފުރުސަތުތައް ފަހިވެ، އައްޑޫގެ ފަތުރުވެރިކަމަށް އައު އާރޯކަމެއް ލިބިގެންދާނެ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.