ENGLISH
30 ޑިސެމްބަރު 2025
މީޑިޔާ ވިލޭޖުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ
30 ޑިސެމްބަރު 2025
|
ޔޫތު މިނިސްޓަރ އިބްރާހީމް ވަޙީދު
މީޑިޔާތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖާގަތައް ހެޔޮ އަގުގައި ތަނަވަސްކޮށްދިނުމަށް ސަރުކާރުން ތަރައްގީކުރަމުންދާ މީޑިޔާ ވިލެޖުގެ މަސައްކަތުގެ 70 އިންސައްތައިގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނާއެކު ބޭއްވެވި ނޫސްވެރިންގެ ގުންޒަރުގައި ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިންނަށް ހާއްސަކޮށްގެން އެންމެ ޒަމާނީ ވަސީލަތްތަކާއެކު މީޑިޔާ ވިލެޖެއް ގާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެ ދުވަހު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ ގޮތުން އެސްޓީއޯއިން ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހޮޓަލުގައި މީޑިޔާ ވިލެޖަށް ހާއްސަ ޖާގަތަކެއް ގާއިމުކުރުމަށް ނިންމާފައިވާކަން ފާއިތުވި އަހަަރު ސަރުކާރުން ހާމަކުރިއެވެ.
މީޑިޔާ ވިލެޖު ގާއިމުކުރުމުގެ މަގުސަދަކީ ނޫސްތަކާއި ޓީވީ ޗެނަލްތައް ހިންގުމުގައި ބޮޑު ކުލީގައި އޮފީސް ޖާގަތައް ކުއްޔަށް ނަގަންޖެހުމުގެ ސަބަބުން ނޫސްވެރިންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލުކޮށްދިނުމެވެ. އޭގެ އިތުރަށްވެސް ނޫސްވެރިންނަށް ބޭނުންވާ އެކި ވަސީލަތްތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ޔޫތު މިނިސްޓްރީގެ މަސައްކަަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އެސްޓީއޯ ހޮޓަލުގައި މީޑިޔާ ވިލޭޖު ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިހާރު އެ މަސައްކަތުގެ %70 މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވަަމުން ގެންދަވާ ކަމަށެވެ. އަދި އެތަން ތަަރައްގީކުރުމުގެ މަސައްކަަތް ނިމުމާއެކު، މީޑިޔާތަކަށް މަސައްކަތްކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހޭނެ ކަމަަށްވެސް ވިދާޅުވިއެވެ.
ވަޒީރު ދެއްވި ޔަގީންކަމަކީ މީޑިޔާ ވިލެޖު ތަރައްގީކުރެވެނީ މީޑިޔާއަށް އަދި ނޫސްވެރިންނަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް އެތަނުގައި ގާއިމުކުރެވި، ނޫސްވެރިންނަށް ފަސޭަހަ މާހައުލެއް ތަނަވަސްކުރެވޭނެ ގޮތަށް ކަމެވެ.