ENGLISH
30 ޑިސެމްބަރު 2025
ފެރިދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް
30 ޑިސެމްބަރު 2025
|
ފެރިދޫގައި ތަރައްގީކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
އއ. ފެރިދޫގައި ތަރައްގީކުރަމުންދާ ފުލުހުންގެ މަރުކަޒުގެ ފުރާޅު ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ފެރިފޫ ފުލުހުންގެ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 1 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭއިރު، މި ޕޮލިސް ޕޯސްޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރެވިގެންދާނެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.