ENGLISH

30 ޑިސެމްބަރު 2025

Advertisement

ރިޓަޔާކުރާ ސިވިލް ސާވެންޓުން އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ މުއްދަތުގައި ޕެންޝަން އިނާޔަތް ނުލިބޭ ގޮތް ހަދައިފި

30 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރިޓަޔާކުރާ ސިވިލް ސާވެންޓުން ދައުލަތުގެ މަގާމެއް އަލުން އަދާކުރާނަމަ އެ މުއްދަތުގައި ޕެންޝަން ފައިސާ މިހާރު ނުލިބޭނެ

ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު އިންތިހާބުކުރާ ނުވަތަ އައްޔަންކުރާ ދައުލަތުގެ މަގާމަކަށް އަނބުރާ އަތުވެއްޖެނަމަ، އެ މަގާމު އަދާކުރާ މުއްދަތުގައި ރިޓަޔާމެންޓު ޕެންޝަން ނުލިބޭ ގޮތަށް ސިވިލް ސާވިސްގެ އުސޫލުތައް މުރާޖައާކޮށް ބަދަލުކޮށްފިއެވެ. 

މިއަދު އާއްމުކުރި އުސޫލުގައި ބުނެފައިވަނީ ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު، އިންތިހާބީ މަގާމެއް ނުވަތަ އައްޔަންކުރާ މާގަމަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުހުލަތުގައި ރިޓަޔަމެންޓު އިނާޔަތް ނުވަތަ ޕެންޝަން ފައިސާ ނުލިބޭނެ ކަމަށެވެ. 

މާލޭ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރިއަށްގެންދެވި ސިލްސިލާ ބައްދަލުވުންތަކުގައި ރައްޔިތުންވަނީ ރިޓަޔާކުރައްވާފައިވާ ބޭފުޅުން ދައުލަތުގެ އެކި މަގާމުތަކާ ހަވާލުވެވަޑައިގަތުމުން، އެ ބޭފުޅުންނަށް މަގާމުގެ މުސާރައާއި އިނާޔަތުގެ އިތުރަށް ރިޓަޔަމެންޓު އިނާޔަތްވެސް ލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެ ބައްދަލުވުންތަކުގައި ރައީސްވަނީ އެ ކަންބޮޑުވުންތައް ހައްލުކުރައްވައި، ރިޓަޔާކުރައްވާ ބޭފުޅުން ދައުލަތުގެ މަގާމަކަށް އައްޔަންކުރެވިއްޖެނަމަ ނުވަތަ އިންތިހާބުވެވަޑައިގެންފިނަމަ، އެ މަގާމެއް އަދާކުރައްވާ މުއްދަތުގައި އެ ބޭފުޅުންނަށް ޕެންޝަން އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް އުސޫލު ބަދަލުކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. 

ރައީސް އިއުލާނުކުރެއްވި ގޮތަށް ފުލުހުންގެ ހިދުމަތުގެ ޕެންޝަން އުސޫލު ބަދަލުކޮށްފައިވެއެވެ. އަދި މިއަދު ސިވިލް ސާވިސް ކޮމިޝަނުންވެސް މިވަނީ އެގޮތަށް އުސޫލު ބަދަލުކޮށް ރިޓަޔާކުރައްވާފައިވާ ބޭފުޅުން މަގާމުގައި ތިއްބަވާ މުއްދަތުގައި ޕެންޝަން އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. 

ދައުލަތުގެ ވަޒީފާއިން މުސްކުޅިކުރާ މީހުންނަށް އެމީހުން ބޭނުންވާނަމަަ އުމުރުން 75 އަހަރުވުމާ ހަމައަށް ދައުލަތަށް ހިދުމަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުންވަނީ ރީއެމްޕްލޯއިމެންޓުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގެ މަސައްކަަތް މަޖިލީހުގައި ކުރެވެމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު