ENGLISH
30 ޑިސެމްބަރު 2025
މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް މިއަދު ހަވީރު ފަށަނީ
30 ޑިސެމްބަރު 2025
|
އާ އަހަރު ފާހަގަކުރުމަށް މީގެކުރިން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން. ފޮޓޯ: އެޗްޑީސީ
މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.
އަހަރު ނިމުމާއި އާ އަހަރު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ބާއްވާ މި ފެސްޓިވަލް އިންތިޒާމުކުރަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނެވެ. މި ފެސްޓިވަލްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން، އިތުރު ކުންފުނިތަކާއި އިދާރާތަކުން ބައިވެރިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، މި ފެސްޓިވަލްއަކީ ވަރަށް ގިނަ ކާމިޔާބީތައް ފާހަގަކުރުމަށްޓަކައި ބާއްވާ ފެސްޓިވަލްއެއް ކަމަށެވެ. އަދި، އެކުވެރި މާޙައުލެއްގައި ގިނަ ހަރަކާތްތަކެއް ފެސްޓިވަލްގައި ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެސްޓިވަލް ކުރިއަށްދާނީ ޑިސެމްބަރު 30، 31 އަދި ޖަނަވަރީ 1 ވަނަ ދުވަހު ކަމަށެވެ. ފެސްޓިވަލް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށެވެ.
ފެސްޓިވަލުގައި ސަގާފީ އެކި ހަރަކާތްތަކާއި ތަފާތު އެކި ބާވަތުގެ ކެއުންތައް ހިމެނޭނެއެވެ. އަދި، އާއިލާ އެއްކޮަށް މަޖާކޮށްލެވޭނެ ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ފެސްޓިވަލުގެ އެންމެ ހާއްސަ ކަމަކީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ، އާ އަހަރަށް މަރުޙަބާ ކިޔުމަށް ބާއްވާ ހަރަކާތްތަކެވެ. އެގޮތުން އެރޭ ޑްރޯން ޝޯއަކާއި ހަވާ އެރުވުމާއި ބަޑިބޭހުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025" ގައި ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ. މި ފެސްޓިވަލަކީ ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ އުމުރުފުރައަކާ ގުޅޭ އުފާވެރި ހަރަކާތަކަށް ވެގެންދާނެއެވެ.