ENGLISH
30 ޑިސެމްބަރު 2025
ސިޓީތަކާއި އާބަން ސެންޓަރުތަކުގައި ވެސް ޔޫތު ހަބްތައް ތަރައްޤީކުރަނީ
30 ޑިސެމްބަރު 2025
|
ޔޫތު ހަބްގައި ބޭއްވި ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޒުވާނުންގެ ވުޒާރާ
އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސިޓީތަކާއި ބައެއް އާބަން ސެންޓަރުތަކުގައި ވެސް ޔޫތު ހަބް ކޮންސެޕްޓަށް ތަންތަން ތަރައްޤީކުރައްވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، ޒުވާނުންނަށް ޚާއްޞަކޮށްގެން މިއަހަރު މާލޭގައި ޔޫތު ހަބް ހުޅުވައި، ޔޫތު ކޮންފަރެންސް ބޭއްވުމުގެ އިތުރުން ގިނަ ހަރަކާތްތަކެެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
ޔޫތު ހަބްތައް އަތޮޅުތަކަށް ފުޅާކުރުމުގެ ގޮތުން، އެ ކޮންސެޕްޓަށް ޔޫތު ހަބްތައް ހުރިހާ ސިޓީތަކާއި އާބަން ސެންޓަރުތަކުގައި ތަރައްޤީކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ޔޫތު ހަބްތަކުގެ އިތުރުން ނޭޝަނަލް ލައިބްރަރީގެ ގޮފިތައް ވެސް ތަރައްޤީކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޔޫތު ހަބް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި، އާބަން ސެންޓަރުތަކުގެ ތެރެއިން ހަ ސަރަޙައްދެއްގައި ޔޫތު ހަބް ކޮންސެޕްޓަށް ތަންތަން ތަރައްޤީކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލޭގައި މީގެކުރިން ޒުވާނުންނަށް ފުރުޞަތު ލިބިފައި އޮތީ ހަމައެކަނި "ފިޒިކަލް" ކުޅިވަރެއްގައި އުޅެން ކަމަށާއި، އިތުރު ކަންކަމުގައި ބައިވެރިވެގެން އުޅޭނެ ޖާގައެއް ޒުވާނުންނަށް ތަނަވަސްވެފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ޔޫތު ހަބް މާލޭގައި ހުޅުވީ ޒުވާނުންނަށް އޮތް މުނިފޫހިލިފިލުވުމުގެ ފުރުޞަތު ފުޅާކުރުމުގެ ގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރިން ބާކީ ކުރެވިފަ، ގަސްތުގައެއް ނޫން، އެކަމަކު ކުރަން ރަނގަޅު އިންވެސްޓްމެންޓެއް ކަމަށް ޤަބޫލުނުކުރެވި އޮތީ. އެކަމަކު މިހާރު އަޅުގަނޑުމެން އެ ސެޓަޕް މި ގާއިމުކުރީ" - ޒުވާނުންގެ ވަޒީރު އިބްރާހީމް ވަޙީދު
ޔޫތު ހަބްގައި ޖަމިއްޔާތަކަށް ވެސް ޖާގަ ތަނަވަސްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ނޭޝަނަލް ލައިބްރަރީގައި މީގެކުރިން ކުދިން ކިޔަވަން ތިބޭ ކަމަށާއި، ސްކޫލް ކުދިންނަށް ކިޔެވޭނެ ޖާގަތައް ޔޫތު ހަބްގައި ވެސް ތަރައްޤީކުރައްވާފައިވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޔޫތު ހަބްގައި ސްކޫލް ކުދިން ކިިޔެވުމަށް ޚާއްޞަ ދެ ކޮޓަރިއެއް ހަމަޖައްސަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސްކޫލް ކުދިންގެ އައިޑީ ދެއްކުމުން އެ ކޮޓަރިތަކުގައި ކިޔެވުމުގެ ކަންކަން ހިލޭ ހަމަޖެހިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ވުޒާރާއިން މާލޭގައި ޔޫތު ހަބް ހުޅުވީ ނޮވެމްބަރު މަހު އެވެ. އޭގެފަހުން އެ ހަބްގައި ޒުވާނުންނަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި، ގިނަ އަދަދެއްގެ ޒުވާނުން އެ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. ޒުވާނުންގެ ވުޒާރާއިން ކުރިއަށްގެންދިޔަ ޔޫތު ކޮންފަރެންސްގައި ޒުވާނުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވަޑައިގަންނަވައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.