ENGLISH

30 ޑިސެމްބަރު 2025

Advertisement

ވީއެމްސީގެ މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް 2025 މިއަދު ފަށަނީ

30 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

ފޮޓޯ: ވީއެމްސީ

މި އަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތައް ފާހަގަކޮށް، އައު އަހަރަށް މަރުހަބާ ކިޔުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން މިއަދު ބާއްވަން ނިންމާފައިވާ މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް 2025 ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ މިއަދު ހަވީރު 16:00ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މިއީ ވީއެމްސީ، މިނިސްޓްރީ އޮފ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިންތިޒާމުކުރާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. 

މި ފެސްޓިވަލަކީ 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއަށް ލިބިފައިވާ ގިނަ ކާމިޔާބީތަކާއި ރެކޯޑުތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެކެވެ. މިއަހަރު މި ސިނާއަތަށް ލިބިފައިވާ ކުރިއެރުންތަކުގެ ތެރޭގައި އެންމެ އަވަހަށް ދެމިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއި، ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކުރާ ހޭދަ ނުވަތަ ޓްރެވަލް ރިސީޓްސްގެ އަދަދު 5.8 ބިލިއަން ރުފިޔާއަށް އިތުރުވުމާއި، ވިދިވިދިގެން ހަ އަހަރު ރާއްޖެއަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ކާމިޔާބުވުން ހިމެނެ އެވެ. މިއީ ހަ އަހަރު ވިދިވިދިގެން މި އެވޯޑު ގައުމަކަށް ލިބުނު ފުރަތަމަ އަހަރު ކަމުން، މިއީ ދުނިޔޭގެ ރެކޯޑެކެވެ. 

މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތަކުގެ އެންމެ ބޮޑެތި ހިއްސާދާރުން ކަމުގައިވާ، ފަތުރުވެރިކަމުގެ މަސައްކަތްތެރިންނާއި، އިންޑަސްޓްރީ ޕާޓްނަރުން އަދި ލޯކަލް ކޮމިއުނިޓީތަކުގެ އަގު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް ވީއެމްސީއިން ބުނެއެވެ.                                                 

ޑިސެމްބަރ 30 2025 އިން1 ޖެނުއަރީ 2026 ގެ ނިޔަލަށް ހުޅުމާލޭގައި ބާއްވާ މި ކަލްޗާ އެންޑް ފުޑް ފެސްޓިވަލުގައި، ބޮޑެތިމީހުންނާއި ކުޑަކުދިން އަދި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. 

ކުޑަކުދިންނަށް ހައާއްސަ ކަންކަމުގެ ތެރޭގައި ކްލައިމްބިން ވޯލްތަކާއި، ފޯމް ޕާޓީތަކާއި، ގޭމިންގ އާކޭޑުތައް ހިމެނޭއިރު، ދިވެހި ރަހަތަކަށް ހާއްސަ ފުޑް ވެންޑާތައް މި ފެސްޓިވަލުގެ ތެރޭގައި ގާއިމްކޮށްފައި ވާނެ އެވެ. މީގެ އިތުރުން ދިވެހި ސަގާފަތާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، 2024 ވަނަ އަހަރުގެ އައު އަހަރުގެ މުނާއްސަބަތާ ދިމާކޮށް ކުރިއަށް ގެންދިޔަ މަގުބޫލު ހަރަކާތެއް ކަމުގައިވާ ހާއްސަ ޑްރޯން ޝޯވ މިއަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަހަރުވެސް އާ އަހަރަށް މަރުހަބާކިޔުމުގެ ގޮތުން ހަވާ އެރުވަން ވަނީ ނިންމާފައެވެ. 

މިއީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ބައިވެރިވެވޭނެ ޝައުގުވެރި، ހުރިހާ އުމުރުފުރައަކާ ގުޅޭ އުފާވެރި ފެސްޓިވަލަކާ އެކު އާ އަހަރަށް މަރުހަބާ ކިޔުމާއި، މުނިފޫހިފިލުވުމުގެ އެތައް ހަރަކާތްތަކެއް ހިމެނިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. 

ކިޔުންތެރިންގެ ހިޔާލު