ENGLISH
30 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހަނިމާާދޫއަށް ބަދަލުކުރަން ރައީސްގެ ގަރާރަަކުން ނިންމަަވައިފި
30 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ހދ.ހިރިމަރަދޫ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ގަރާރަކުން ނިންމަވައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް ރައީސް ގެންނެވި ބަދަލަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓު ދޭންޖެހޭ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ކަނޑައެޅުމަށް މަގުފަހިކުރުމެވެ.
އިންތިހާބުތަކާ ބެހޭ އާއްމު ގާނޫމުގެ 8 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލާއިރު މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބދަލުކުރާ ހާލަތުގައި އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާގެ ގޮތުގައި އީސީން ކަނޑައަޅަންވާނީ އެމީހުން އަލަށް ބަދަލުކުރެވި އާބާދުކުރެވުނު ރަށް ކަމަށެވެ.
މިއަދު ރައީސް ނެރުއްވި ގަރާރާއެކު، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހދ.ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް، ރަޖިސްޓްރީކޮށް ނިމުމުން ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުމަށް ނިންމަވާފައިވެއެވެ.
އެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައެޅިފައިވާ ރައީސްގެ ގަރާރުގެ ޖަދުވަލުގައި ހިމެނޭ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް އެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވެއެވެ.
މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ ހިރިމަރަދޫ ރައްޔިތުންގެ ރަށްވެހިކަން ހަނިމާދޫއަށްް ބަދަލުކުރެވި، ހުރިހާ އެންމެން އެ ރަށުގައި ރަޖިސްޓްރީކޮށް ނިމި އެކަން ސަރުކާރުން އާއްމުކޮށް އިއުލާނުކުރާ ތާރީހުން ފެށިގެންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.