ENGLISH
30 ޑިސެމްބަރު 2025
ރަމަޟާން މަހަށް ބޭރުގެ ހާފިޒުން ގެންނަން ވިސާއަށް އެދެން އިމިގްރޭޝަނުން ހުޅުވާލައިފި
30 ޑިސެމްބަރު 2025
|
ބޭރުގެ ބައެއް ހާފިޒުން ރާއްޖޭގައި. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭން ބޭރުން ހާފިޒުން ގެންނައިރު، ހާފިޒުންނާއި އާއިލާތަކުގެ ވިސާއަށް އެދެން މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލައިފި އެވެ.
ކޮންމެ ރަމަޟާން މަހަކު ވެސް ތަރާވީޙް ނަމާދު ކުރުމަށާއި ހިޒުފު ކުރުމަށް ހާފިޒުން ރާއްޖެ ގެނެއެވެ. އަދި، އެ ހުއްދަ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދޫކުރެއެވެ.
އިމިގްރޭޝަނުން ކުރި އިއުލާނުގައި ބުނީ، އިސްލާމިކް މިނިސްޓްރީގެ ހުއްދައާއެކު ހާފިޒުން ގެނައުމަށް މިހާރު ވިސާއަށް ހުށަހެޅޭނެ ކަމަށެވެ. ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިމުގާ ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ޕާސްޕޯޓް ޑޭޓާ ޞަފްޙާގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއެއް އަދި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހެއެވެ.
ރާއްޖެ ގެންނަ ހާފިޒުންނަށް ދޫކުރާނީ 45 ދުވަހުގެ ހާއްސަ ވިސާއެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ ހާފިޒުންނާއެކު އާއިލީ މެންބަރުން ގެންނަ ނަމަ، އިމުގަ ޕޯޓަލް މެދުވެރިކޮށް ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އާއިލީ ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވަނީ ޓޫރިސްޓް ވިސާ އެވެ.
ހާފިޒުން ގެނައުމުގެ ވިސާއަށް ހުޅުވާލިއިރު، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާލުމަށާއި، ވިސާގެ ކަންކަން ޤަވާއިދުގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.