ENGLISH

30 ޑިސެމްބަރު 2025

Advertisement

ކުށުގެ ވެށީގައި އުޅޭ 300 ކުދިން ދެނެގަނެ، ބެލެނިވެރިންނާއެކު ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް ކުރަނީ

30 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފޮޓޯ: ދައުރު

ކުށުގެ ވެށީގައި ހަރަކާތްތެރިވާ 300 ކުއްޖެއްގެ މައުލޫމާތު އެއްކުރެވި އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން އެކުދިން ކުށުގެ ވެށިން ނެރުމަށް ފުލުހުންގެ ހިދުމަތުން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ. 

ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރައިމްސް އަގެއިންސްޓް ޗިލްޑްރެން ވިންގުގެ ހެޑް އަދި ވަގުތީ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމެންޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ގޭންގުތައް އެންމެ ބޮޑަށް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ވަގުތު ހޭދަކުރާ ކުޑަކުދިންގެ މައުލޫމާތު އެއްކުރެވި އެ މައުލޫމާތު އެފްސީޕީޑީއަށް ބަރާބަރަށް ލިބެމުންދާ ކަމަށެވެ. 

އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ކުށުގެ ވެށީގައި ހަރަކާތްތެރިވާ 300 އެއްހައި ކުދިން ދެނެގަނެވި އެކުދިންގެ މައުލޫމާތުތައް އެއްކުރެވިފައިވާ ކަމަށް ޝަރީފު ވިދާާޅުވިއެވެ. އަދި އެކުދިން ކުށުގެ ވެށިން ސަަލާމަަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެެގޮތުން އެކުދިން ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގޮތާ ގުޅޭ މައުލޫމާތުތައް ބެލެނިވެރިންނާ ހިއްސާކުރުމާއެކު، ކުށުގެ މާހައުލުން އެކުދިން ނެރުމަށް ބެލެނިވެރިންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

މާލޭ ސަރަހައްދުގެ ހުރިހާ ހިސާބެއްގައިވެސް ކުޑަކުދިން ކުށުގެ ވެށީގަައި ޝާމިލުވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެންމެ ގިނައިން ކުޑަކުދިން ކުށްކުރާ މައްސަލަތައް ފާހަަގަކުރެވުނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. އަދި އެ ސަރަހައްދުން އެފަދަ މައްސަލަތައް ވަރަށް ގިނައިން ފާހަގަކުރެވި އެ މައްސަލަތަކަަށް އެޓެންޑުވެފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ހާއްސަކޮށް ހުޅުމާލޭ ފޭސް 2 އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ މިގޮތަށް ކުށްކުރާ ކުޑަކުދިން ވަރަށް ގިނަ ތަނެއްގެ ގޮތުގައި. އެހެންވީމާ ވަރަށް ގިނައިން އެޓެންޑުވާން ޖެހިފައި އޮތްކަން ފާހަގަކޮށްލަން،" ޝަަރީފު ވިދާޅުވިއެވެ. 

ޝަރީފު ވިދާޅުވި ގޮތުގައި ކުޑަކުދިން ކުށްކުރާ މައްސަލަތަކުގައި އަމަލުކުރާ ގޮަތަށް ބަދަލުތަކެއް ގެނެސް، ޖުވެނައިލް ކޯޓުން އިސްނަގައިގެން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި 71 ކުއްޖަކާއެކު ފުލުހުން މަސައްކަތްތަކެއް ކުރަމުންދެއެވެ. 

ތަކުރާރުކޮށް ކުރާ ކުދިންނާއި، ކުށްކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކުދިންނަށް މަރުކަޒުކޮށްގެން ރިހެބިލިޓޭޝަން ދިނުމުގެ މަސައްކަތް ފެށިގެން، އެފަދަ ކުދިން ހއ.ހޯރަފުށީގައި ހުންނަ މަރުކަޒަަށް ގެންގޮސް، ފަރުވާދީ އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޝަރީފު ވިދާޅުވިއެވެ. 

އަދި މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމުގެ ނިޒާމެއް މިހާރު ރާއްޖޭގައި ނެތްނަމަަވެސް ކުރިއަށް އޮތް އަހަރުގައި އެފަދަ ކުދިންނަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފުލުުހުންގެ ހިދުމަތުން ފަށާފައިވާކމަަށް ޝަރީފު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު