ENGLISH
30 ޑިސެމްބަރު 2025
ޑިމާންޑް ބޮޑުވެ މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ޖިއްދާއަށް
30 ޑިސެމްބަރު 2025
|
މޯލްޑިވިއަނުން އިތުރު ދަތުރުތައް ޖިއްދާއަށް ކުރުމަށް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރުން--ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޢުމްރާއަށްދާ ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވިއަނުން ފެށި ދަތުރުތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ޖިއްދާއަށް އިތުރު ދަތުރުތައް ޝެޑިއުލްކުރަމުންދާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ބުނެފި އެވެ.
މޯލްޑިވިއަނުން ބުނީ މި ދަތުރުތަކަކީ ޢުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން ކުރިއަށްގެންދާ ދަތުރުތަކެއް ކަމަށެވެ.
ސްކޫލް ބަންދުގައި ޖިއްދާއަށް ސީދާ ދަތުރުތަކެއް ބޭއްވުމަށް މޯލްޑިވިއަނުން ނިންމާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މިގޮތުން މާލެއިން ޖިއްދާއަށް ދަތުރުކުރުމަށް ތިން ފްލައިޓެއް އޮޕަރޭޓް ކުރަމުން އަންނަ ކަމަށާއި، މި ދަތުރުތައް ފަށާފައިވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. އަދި ޢުމްރާގެ އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އައުމަށް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހުކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަނުން ބުނީ މި ޝެޑިއުލްތަކުގެ ސަބަބުން ޢުމްރާވެރިންނަށް ޖިއްދާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބި، އަޅުކަމުގެ ކަންކަން ފުރިހަމަކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ސްކޫލް ބަންދާ ދިމާކޮށް ދަތުރުތައް ރޭވުމުގެ ބޭނުމަކީ، އާއިލާތަކާއެކު ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށް ދިނުން ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަނުން ޢުމްރާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހު އެވެ. މީގެ އިތުރުން، މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން އުފުލުމަށްވެސް އެ އެއަރލައިނުން ވަނީ ސައުދީ އަރަބިއްޔާއަށް ދެ ދަތުރެއް ކޮށްފަ އެވެ.
މި ސްކޫލް ބަންދަކީ ރާއްޖެއިން ރިކޯޑް އަދަދަކަށް އުމްރާވެރިން މައްކާއަށް ދާނެ ދުވަސްވަރެކެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވަނީ މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެއިން 7726 މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެ ކަމަށެވެ.