ENGLISH
30 ޑިސެމްބަރު 2025
ދައުލަތުގެ މާލީ އެހީތެރިކަަމަށް، 41 މީޑިއާއަކުން ޝަރުތު ފުރިހަމަވެއްޖެ
30 ޑިސެމްބަރު 2025
|
ދައުލަތުގެ މާލީ އެހީތެރިކަމަށް، 41 މީޑިއާއަކުން ޝަރުތު ހަމަވުން--ފޮޓޯ:މީޑިއާ ކޮމިޝަން
ދައުލަތުން 2025 ވަނަ އަހަރު އަމިއްލަ މީޑިއާތަކަަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް، 41 މީޑިއާއެއް ޝަރުތު ފުރިހަމަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ދަައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާގެ އެހީ ދިނުމުގެ އުސޫލަށް މިދިޔަ ހަފުތާގައި ގެނެވުނު ބަދަލާ އެކު، ޝަރުތު ފުރިހަމަވާނީ ރަޖިސްޓަރީ ކޮށްގެން، މެދުނުކެނޑި ހިންގާތާ އަހަރު ދުވަސްވެފައިވާ މީޑިއާތަކެވެ. އެގޮތުން ދައުލަތުގެ އެހީތެރިކަމަށް އެދި 57 މީޑއާއަކުން "ޕްރޮފައިލް" ކްރިއޭޓްކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް ޝަރުތު ހަމަވީ މީގެ ތެރެއިން 41 މީޑިއާއެއްކަން އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީޑިއާ ކޮމިޝަނުން ބުނީ، މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާއަށް ލިބޭ މާކްސް ޕޯޓަލުގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާ އެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް އަށް ޝަކުވާއެއް ލިބުނުކަމަށާއި، އަދި އެކަމާ ގުޅޭ ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން ތިން ފަރާތެއްގެ ޝަކުވާ ބަލައިގަތްފައިވާނެ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީޑިއާ ކޮމިޝަނުން ބުނީ، މާކްސް ދިނުމުގައި ބަލާފައި ވަނީ މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމުތަކަށް ކަމަށެވެ.
މީޑިއާ ކޮމިޝަނުން އިތުރަށް ބުނީ މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި އެ ކޮމިޝަނާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެން ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު، އެއް ޕޭމަންޓެއްގެ ގޮތުގައި ލިބޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
މާލީ ގޮތުން އަމިއްލަ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ، އެ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ އަމިއްލަ ރައުޔަށް ކަންތައްތައްކުރުމުގެ ބާރުވެރިކަން ހޯދާއި ދިނުން ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މިޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.