ENGLISH
28 ޑިސެމްބަރު 2025
އެފްއޭއެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ފެބުރުއަރީގައި ފަށަނީ
28 ޑިސެމްބަރު 2025
|
އެކަޑެމީތަކުގެ މެދުގައި ކުރީން ކުޅުނު މެޗެއްގެ ތެރެއިން. --
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން މުޅިން އަލަށް ބާއްވާ "އެފްއޭއެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް" އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފަށަން ނިންމައިފިއެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް އަންނަ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެފްއޭއެމުން ވަނީ، އެ މުބާރާތުގައި ވާދަކުރެވޭނީ، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެ އެސޯސިއޭޝަންގެ އެކަޑެމީ އެކްރިޑިއޭޝަން ކްރައިޓީރިއާ ފުރިހަމަކޮށްފައިވާ އެކަޑެމީތަކަށް ކަމަށެވެ.
އެގޮތުން، މުބާރާތުގައި ބައިވެރިވުމަށްޓަކައި އެ އެސޯސިއޭޝަނުން ގެޒެޓުކޮށްފައިވާ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ޖަނަވަރީ މަހުގެ 11 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރީން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.
އެފްއޭއެމްގެ އެކަޑެމީ އެކްރެޑިއޭޝަން ކްރައިޓީރިއާ ފުރިހަމަ ނުކުރާ އެކަޑެމީތަކުން، މި މުބާރާތުގައި ބައިވެރިވުމަށްފަހު އެކަޑެމީ އެކްރެޑިއޭޝަން ކްރައިޓީރިއާ ފުރިހަމަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
އެފްއޭއެމުން ބުނީ، މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމުގެ އިތުރުން ގްރާސްރޫޓް ފުޓްބޯޅަ ދިރުވާ އާލާކުރުން ކަމަށެވެ. އަދި މި މުބާރާތަކީ، އެ އެސޯސިއޭޝަނުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކަނޑައަޅާފައިވާ ދިގުރާސްތާ ޕްލޭންގެ ދަށުން، ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
އަދި، މިފަދަ މުބާރާތެއްގެ ޒަރިއްޔާއިން، ރާއްޖޭގައި ތިބި ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ތަރައްގީކުރެވިގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ. މީގެއިތުރުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މި ކުޅިވަރު ފުޅާކޮށް، ވަރުގަދަ ބިންގަލެއްގެ މަތީގައި ތަރައްގީކުރުމަކީ އެފްއޭއެމްގެ އަމާޒެކެވެ.