ENGLISH

14 ޖެނުއަރީ 2026

Advertisement

ދަގަނޑޭ އެނބުރިއައި މެޗުން ނިއު އަށް ފަސޭހަ މޮޅެއް

27 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ނިއު އަށް ދަގަނޑޭ ކުޅެނީ. ފޮޓޯ: މިހާރު

އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) އެނބުރިއައި މެޗުގައި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބު އަތުން 3-0 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ނިއު ވަނީ ލީގުގެ ތިންވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ތާވަލްގެ އެންމެ ކުރީގަ އުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 މެޗުން 28 ޕޮއިންޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 25 ވަނަ މިނެޓުގައި ނިއު އިން ލީޑު ނެގީ ހަސަން ރާއިފް އަހުމަދު (ހަންނަ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއްގެ އެހީގައި ހަންނަ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ނިއު އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، ނިއު އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ނިއު އަށް މި ލަނޑުޖަހައިދިނީ ސެންޓޭ އެވެ.

އޭގެ ފަސް މިނެޓުފަހުން، ނިއުގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ސެންޓޭ އެވެ. ނިއު އަށް މި ލަނޑުޖަހައިދޭން އެހީތެރިވެދިނީ ހަންނަ އެވެ.

އޭގެފަހުން، ނިއު އިން ވަނީ ފަހު 10 މިނެޓަށް ދަގަނޑޭ ކުޅެން ނެރެފައެވެ. މިއީ މި ފަހަރުގެ ސީޒަނަށް ނިއު އަށް ބަދަލުވުމަށްފަހު އަނިޔާއިން އެނބުރިއައިސް އޭނާގެ ފުރަތަމަ ފެނިލުމެވެ. ދަގަނޑޭ އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށެވެ.

މި މެޗުން ބަލިވި ބުރު އޮތީ ހަތަރު ވަނައިގައެވެ. އެއީ 12 މެޗުން ހޯދީ 20 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗާއެކު ލީގުގެ ކުޅުން ވަނީ މެދު ކަނޑާލައިފައެވެ. ދެން މެޗެއް ކުޅޭނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ ދުވަހު މާޒިޔާ ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު