ENGLISH

27 ޑިސެމްބަރު 2025

Advertisement

ބީއެމްއެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

27 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ރަންވަނަތައް ހޯދީ ފެތުންތެރިން. ފޮޓޯ: އިމޭޖަސް.އެމްވީ / ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސްވިމިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ބީއެމްއެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތް ނިންމާލައިފިއެވެ.

މިމަހުގެ 22 އިން 25 އަށް ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި މުބާރާތުގައި 9 ކުލަބަކުން 157 ފެތުންތެރިން ވާދަކުރި އެވެ.

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޖޫނިއާ ބަޔާއި ސީނިއާ އަދި މާސްޓާސް ބައިގެ އިތުރުން ޓީމްތަކަށް ހުޅުވާލި ބަޔާ އެކު 146 އިވެންޓެއް ކުރިއަށް ގެންދިޔަ އެވެ.

މި ފަހަރުގެ މުބާރާތުން ރަންވަނަތައް ހާސިލްކުރި ފެތުންތެރިންނަށް އިއްޔެ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެވޯޑު ހަވާލުކޮށްފައެވެ.

އީއޭޑީ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް މުޙައްމަދު އަޝްއަލް އާދަމް ހޮވުނުއިރު، ދެވަނަ ލިބުނީ މޫސާ ޖާއިޝް ސަނާއުﷲ ޝަކީބް އަށެވެ. ތިންވަނަ ލިބުނީ އަހްމަދު ދާއީ މިރުޒާ އަށެވެ.

ޖޫނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމު ހޯދީ ޒާކިން އަޝްރަފް ރަޝީދު އެވެ. އަލްފީ ސަމާހް ހަލީމް އަދި މުޙައްމަދު އަލްޔާން ޝިފާން އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ އިސްމާއީލް ހާމް ހުސައިން އަށެވެ. އެންމެ މޮޅު އަންހެން ޖޫނިއާ ފެތުންތެރިޔަކަށް ތަޒްކިޔާ ހޮވުނުއިރު، ދެވަނަ ލިބުނީ ޑާލިޔާ އަށެވެ. އަދި ތިންވަނައަށް ދިޔައީ މަރިޔަމް އައިރާ ޝިރްނީލް އެވެ.

ސީނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ޢާން ހޮވުނުއިރު، ދެވަނަ ލިބުނީ ރިހާން އަށެވެ. ތިންވަނަ ލިބުނީ އިބްރާހިމް މާދް އަށެވެ. އަންހެން ސީނިއާ ބައިގެ އެންމެ މޮޅު ފެތުންތެރިއަކަށް އަޔާނާ ހޮވުނުއިރު، ދެވަނަ ހޯދީ ޒައިނަބު އަބްދުﷲ ޝަފީގެވެ. އަދި ތިންވަނައަށް ދިޔައީ އައިޝަތު އަންޖަލް ފަޔާޒެވެ.

މާސްޓާސް ބައިގައި ވާދަކުރީ ފިރިހެން ފެތުންތެރިންނެވެ. މި ބައިގެ އެއްވަނައަށް ދިޔައީ ހުސެއިން މުބާހް އެވެ. މުހައްމަދު އާމިރު ދެވަނަ ހޯދިއިރު ތިންވަނަ ހޯދީ އަހްމަދު ޝަފީގެވެ.

ޓީމް އިވެންޓް ތަކުގެ ބައިން އަންހެން އަދި ފިރިހެން ޗެމްޕިއަން ކަން ވެސް ހޯދައިފައި ވަނީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އިންނެވެ. ފިރިހެން ދެވަނަ ޓީމަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ހޮވުނުއިރު، ތިންވަނައަށް ހޮވުނީ ފީނާ ސްވިމިން އެކަޑަމީ އެވެ. އަންހެން ދެވަނަ ޓީމަކަށް ހޮވުނީ މޫދު މާލިމީ އެވެ. އަދި ތިންވަނައަށް ހޮވުނީ ފީނާ ސްވިމިން އެކަޑަމީ އެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ބޭންކް އޮފް މޯލަޑިވްސް (ބީއެމްއެލް) ގެ ފަރާތުންނެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިންގ އެސޯސިއޭޝަނާ އެކު އެކްސްކްލޫސިވް ޕާޓްނަރޝިޕެއް ގާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އަހަރު ބީއެމްއެލް އިން ވަނީ ސްވިމިންގ އެސޯސިއޭޝަނާ އެކު ޤާއިމުކޮށްފައިވާ ޕާޓްނަރޝިޕް އިތުރު ތިން އަހަރުގެ މުއްދަތަކަށް އައުކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު