ENGLISH
27 ޑިސެމްބަރު 2025
ބޮޑު ޕްރައިމަރީ؛ 45 ސަރަހައްދެއްގައި ވޯޓުލުން ކުރިއަށް، ދެފުށް ފެންނާނެހެން އިންތިޒާމުތައްވަނީ ހަމަޖެހިފައި
27 ޑިސެމްބަރު 2025
|
ލޯކަލް ކައުންސިލު އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 45 ސަރަހައްދެއްގައި އެއްފަހަރާ ވޯޓުލުން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ.
"ކޮންގުރެސްގެ ނިންމުން"ގެ ނަަމުގައި ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖުގައި ވާހަކަދައްކަވަމުން ޕީއެންސީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިދާޅުވީ މި ޕްރައިމަރީއަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ކުރިއަށްގެންދާ އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ ވޯޓުލާ ޕާޓީގެ މެންބަރުންނާއި އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ އިތުބާރު އޮންނާނެ ގޮތަށް ކަންކަން ކުރިއަށްގެންދިއުމުގެ ބޭނުމުގައި ގިނަ އިންތިޒާމުތަކެއް ވަރަށް ފަސޭހައިން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެގޮތުން ކުރިން ރާއްޖޭގެ ހުރިހާ ޕާޓީތަކުން އަމަލުކުރަމުން އައި އުސޫލާ ހިލާފަަށް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭ މީހުން ކަނޑައެޅުމުގައި ބަރޯސާވެފައިވަނީ އިލެކްޝަންސް ކޮމިޝަަނުގައި އޮތް އެ ޕާޓީގެ ދަފުތަރަށް ކަމަށް ޝަކީލު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވައިލާ، ވެބްސައިޓުގައި އާއްމުކޮށް، ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު، އެ ހުށަހެޅުނު ޝަކުވާތަކަށްވެސް ރިއާޔަތްކުރެވިގެން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އެކުލަވައިލެވުނުކަން ޝަކީލު ފާހަގަކުރެއްވިއެވެ.
ޝަކީލު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި ދެ ތަނެއްގައި ނޫނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާނީ އެ ސަރަހައްދެއްގެ ބޭފުޅުންނެވެ. އެއީ ރަށްރަށާއި ސިޓީތަކުގެ ސްޓިއަރިން ކޮމިޓީތަކުގައި މަޝްވަރާކުރެވިގެން އައްޔަންކުރެވުނު އޮފިޝަލުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮންގްރެސް ޕާޓީގެ އެތެރޭގެ ހިންގުން ވަަރަށް ބޮޑަށް ލާމަރުކަޒުކުރެވިފައި އޮތުމުން އިންތިހާބުގެ އިންތިޒާމުތައްވެސް އެ އުސޫލުން ހަމަޖެއްސުމުގައި ގިނަ ފަސޭހަތަކެއް ލިބުނުކަމަށް ޝަކީލު ވިދާާޅުވިއެވެ.