ENGLISH
24 ޑިސެމްބަރު 2025
ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މަޖީދިއްޔާ ސްކޫލްގެ ހުރިހާ ކުދިންނަށް ފޮތްތައް ހަމަވާނެ: ޕްރިންސިޕަލް
24 ޑިސެމްބަރު 2025
|
މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް--އަހުމަދު މުޖާހިދު
ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކުދިންނަށް ފޮތްތައް ލިބޭނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުގައި މުޖާހިދު މިއަދު ވިދާޅުވީ، ދިރާސީ އާ އަހަރު އެ ސްކޫލަށް ވަންނަ ކުދިން ސްކޫލް މާހައުލަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް މިހާރު ހިންގާ ނިމިފައިވާ ކަމަށެވެ.
މަޖީދިއްޔާ ސްކޫލުން މިއަހަރު ހޯދި ކާމިޔާބީތަކާ ބެހޭ ގޮތުން މުޖާހިދު ވިދާޅުވީ 19 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ ސްކޫލުގައި އިންޓަރ ހައުސް މުބާރާތްތައް މި އަހަރު ކުރިއަށް ގެންދެވުނު ކަމަށެވެ. އޭގެތެރޭގައި، ގުރުއާން މުބާރާތާއި، މަދަހަ މުބާރާތާއި، ހޭންޑްބޯޅަ، ފުޓްބޯޅަ، ސްޕޯޓްސް މީޓް، އަދި އާރޓް އެގްޒިބިޝަންފަދަ ހަރަކާތްތައް ވަރަށް ކާމިޔާބުކަމާއެކު ގިނަ ކުދިންތަކެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އިންޓަ ސްކޫލް މުބާރާތްތަކުގައި ވެސް މަޖީދިއްޔާ ސްކޫލް ވާދަކޮށް ރަނގަޅު ކާމިޔާބީތައް ހާސިލްކޮށްފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ.
މަޖީދިއްޔާ ސްކޫލަށް 2027 ވަނަ އަހަރު 100 އަހަރުފުރޭއިރު، 500 ދުވަހުގެ ކައުންޓްޑައުން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކައުންޓްޑައުންގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ އަހަރީ މެގަޒިން "މަޖީދީ މޮމެންޓެ" ލޯންޗްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުދިންގެ ތަރުބިއްޔަތު ރަނގަޅުކޮށް މުޖުތަމަޢުގެ ތެރޭގައި ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި މަޖީދިއްޔާ ސްކޫލުގައި މި އަހަރު ވަނީ ވަރަށް ގިނަ ގައުމީ ހަރަކާތްތައް ހިންގާފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ. އަދި ޤައުމިއްޔަތު މާއްދާ ވަރަށް ރަނގަޅަށް އެ ސްކޫލްގައި ކުރިއަށް ގެންދާކަން ފާހަގަކުރައްވާ މުޖާހިދު ވިދާޅުވީ ގައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް އުފެއްދުމަށް، އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވާ ފަރާތްތައް ގެނެސް، ސެޝަންތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.