ENGLISH

24 ޑިސެމްބަރު 2025

Advertisement

ރައީސް ދެއްވީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރައްވާނެކަމުގެ ޔަގީންކަން: ކޯޑިނޭޓަރ

24 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންއާ ގުޅޭގޮތުން، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ޙިއްޞާކޮށްފައިވާ ކަންބޮޑުވުންތައް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށް ޑްރައިވަރސް އެސޯސިއޭޝަނުގެ އިވެންޓް ކޯޑިނޭޓަރ މިސްބާހު ޝަރީފް ބުނެފިއެވެ. 

ރައީސްވަނީ އިއްޔެ ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ އިސް ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ.

ރައީސްއާ އެކު ބޭއްވި ބައްދަލުވުމާ ޙަވާލާދީ ޑްރައިވަރސް އެސޯސިއޭޝަންގެ ފަރާތުން މިސްބާހު "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ، ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ޓެކްސީ ލައިންއާ ގުޅޭ ކަންބޮޑުވުންތަކަށް ރައީސް ޙައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި ކަމަށެވެ.  

މި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައިވާއިރު، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފައިވެއެވެ. 

ޓެކްސީ ލައިންގެ ކަންކަން ކުރިއަށްދާއިރު، ޑްރައިވަރުންގެ ގޮތުގައި މިހާރު މަސައްކަތްކުރާ ފަރާތްތަކަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ  ކަމަށް ވެސް މިސްބާހުގެ ޕޯސްޓުގައި ބުނެފައިވެއެވެ. 

ޓެކްސީ ދަތުރުގެ އަގުތަކާ ގުޅޭ މަޝްވަރާތަކާއި، ޓެކްސީތަކާއި ވެހިކަލް ރަޖިސްޓްރީއާ ގުޅޭ ސިޔާސަތުތައް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް މިސްބާހު ބުންޏެވެ. 

މިސްބާހު އިތުރަށް ބުނީ، ހުރިހާ ކަމެއްގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ އިވެންޓް ކޯޑިނޭޓަރ މިސްބާހް ޝަރީފް (ވ)

ޓެކްސީ ޑްރައިވަރުންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޑްރައިވަރުންގެ ދަފްތަރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން ވިސްނަވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ޓެކްސީ ޑްރައިވަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުުމުގައި، ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގެ ކަންކަން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުން ވެސް ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމާއެކު، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތަކެއް ވެސް މީގެތެރޭގައި ހިމެނެއެވެ.

ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ޙައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު