ENGLISH
24 ޑިސެމްބަރު 2025
ކޮޅުފުށީ ހައުސިން ޔުނިޓްތަކުގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ފެނަކައާ ހަވާލުކޮށްފި
24 ޑިސެމްބަރު 2025
|
ކޮޅުފުށީ 100 ހައުސިން ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށް ފެނަކައާ ހަވާލުކުރުމުގެ ރަަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ފެނަކަ
މ. ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ތައުފީޤް އެވެ.
މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާތާ 20 ހަފްތާގެ ތެރޭގައި ނިންމާ ގޮަތަށް 11.4 މިލިއަން ރުފިޔާއަށެވެ.
ކޮޅުފުށީ 100 ހައުސިން ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށް ފެނަކައާ ހަވާލުކުރުމުގެ ރަަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ފެނަކަ
ކޮޅުފުށީގައި ތަރައްގީކޮށްފައިވާ މި ޔުނިޓްތަކުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެހެންނަމަވެސް އެ ޔުނިޓްތަކަށް ޔޫޓިލިޓީ ހިދުމަތް ނުލިބި އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، މި އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެރަށަށް ވަޑައިގެން އެ ޔުނިޓްތަކަށް ޔުޓިލިޓީ ހިދުމަތް ދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފަ އެވެ.
މީގެ އިތުރަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެރަށުގައި އިތުރު 100 ހައުސިން ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.
ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ މި ހައުސިން ޔުނިޓްތަކަކީ، ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި ހިމަނައިގެން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ތަރައްގީކޮށްފައިވާ ރޯ ހައުސްތަކެކެވެ.
މި ހައުސިން ޔުނިޓުތަކަކީ 1200 އަކަފޫޓުގެ ގެތަކެކެވެ. މިއިން ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓީންރޫމް، ބަދިގެއާއެކު ލޯންޑްރީއާއި ސްޓޯރޫމްވަނީ ތަރައްގީކޮށްފަ އެވެ. މިއީ ދައުލަތުގެ ބަޖެޓުން 121 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫއެކެވެ.