ENGLISH
24 ޑިސެމްބަރު 2025
ޖަނަވަރީ ނިމޭއިރު ޕޭޕަލްގެ އެކްސެސް ފުރިހަމައަށް ލިބޭނެ: ރައީސް
24 ޑިސެމްބަރު 2025
|
ރައީސް، "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތަށް ވަޑައިގަތުމުން ޒުވާނުން މަރުޙަބާ ކިޔަނީ --
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރަން ކުރެވޭ މަަސައްކަތުގެ ދަށުން އަންނަ ޖަނަވަރީ މަސް ނިމޭއިރު ޕޭޕަލްގެ އެކްސެސް ފުރިހަމައަށް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކްރިއޭޓިވް އިންޑަސްޓްރީގައި އިންޓަނޭޝަނަލް އެކްސެސިބިލިޓީ ހޯދުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށެވެ.
އެގޮތުން ޕޭޕަލް ގެނައުމަށް ކުރި މަސައްކަތް ފާހަގަ ކުރެއްވި އެވެ.
"ފޭޕަލް, އިރާދަކުރެއްވިއްޔާ ވަރަށް ބައިވަރު މަސައްކަތް ކުރެވިގެން އެ އޮތީ އޯލްމޯސްޓް މިހާރު އެ އޮތީ ފައިނަލް ޕޮއިންޓްގައި. ވަރަށް އުންމީދު ކުރެވޭ މި އަންނަ މަސް, ޖަނަވަރީ ނިމޭއިރު އެއްކޮށް އެކްސެސް ލިބޭނެ ޕޭޕަލްއަށް. ލިބުނީމަ ވަރަށް ބޮޑު ދޮރެއް އެ ހުޅުވެނީ," ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމީ ބެންކު -- ބީއެމްއެލްގެ "ސްވައިޕް" މި މަހު ޓެސްޓިންއަށް ހުޅުވާލާނެ ކަމަށެވެ. އަދި މި ނޫންވެސް އިތުރު ފުރުސަތުތައް ވެސް ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ރާއްޖެއަށް ޓްރާސްފޯމޭޝަނަލް ބަދަލެއް ގެނައުމަށް ކުރާ މަސައްކަތް ޒުވާނުންގެ ސަޕޯޓާއެކު ހާސިލުވާނެ ކަމުގައި ވިދާޅުވެފަ އެވެ.
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރަން އުރީދޫ އިން ދަނީ ތައްޔާރުވަމުންނެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ދީފަ އެވެ.
އުރީދޫގެ މި ކާމިިޔާބާއި ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމަކީ އުރީދޫއަށް ލިބޭ ބޮޑު ފަޚުރެއް ކަމަށެވެ. އެ ކުންފުނީގެ ފަރާތުން އެ ޚިދުމަތް ފަށާ ފުރަތަމަ ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވާ ޚާލިދު ވިދާޅުވީ އުރީދޫއަށް މިހާހިސާބަށް އާދެވުނީ ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ޚާއްސަކޮށް ރައީސް މުޢިއްޒުގެ ސަރުކާރުގެ އިސްނެންގެވުމަށް އެ ކުންފުންޏާއެކު ކޮށްފައިވާ ގިނަ މަސައްކަތްތައް ޚާލިދު ވަނީ ފާހަގަ ކުރައްވާފަ އެވެ. ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުގައި އުރީދޫގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.