ENGLISH
24 ޑިސެމްބަރު 2025
ކޮޅުފުށީގެ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ފެނަކައާ ހަވާލުކޮށްފި
23 ޑިސެމްބަރު 2025
|
ކޮޅުފުށީގެ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ގުޅަން ފެނަކައާ ހަވާލުކުރުން --ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
މ. ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތްދިނުމަށް ބޭނުންވާ ވިއުގަ ގާއިމުކުރުމުގެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާދަމް ތައުފީޤް އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ، ފެނަކަ އަށް މި މަޝްރޫޢު ހަވާލުކުރީ 20 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. މި މަޝްރޫޢުގެ އަގަކީ 11،435،789.59ރ. (އެގާރަ މިލިއަން ހަތަރުލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ އަށްޑިހަ ނުވަރުފިޔާ، ފަންސާސް ނުވަލާރި) އެވެ.
ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެންދިޔައެވެ.
އޭގެފަހުން، އެ މަޝްރޫޢު އަލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން(އާރްސީސީ)އާ ހަވާލުކޮށްގެން ފެށީ 2023ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއަށްފަހު، އެ މަޝްރޫޢުގެ މަސައްކަތްތައް ނިންމާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.