ENGLISH
21 ޑިސެމްބަރު 2025
މާފަރު އެއަރޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލުމުން އެމްޓީސީސީގެ އަގުވަޒަންކޮށްފި
21 ޑިސެމްބަރު 2025
|
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލުމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަސައްކަތްތައް ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އެ ކުންފުންޏަށް ހަނދާނީ ޕްލާކެއް ދީފިއެވެ.
އެމްޓީސީސީއާ މި ޕްލާކް ހަވާލުކޮށްދެއްވާފައިވަނީ އިއްޔެ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުމާއެކު، އާ ޓާމިނަލް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައެވެ.
އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެމްޓީސީސީއާ މި ޕްލާކް ހަވާލުކޮށްދެއްވާފައިވަނީ އެ ކުންފުނީގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުﷲ ސައީދެވެ. އެމްޓީސީސީގެ ފަރާތުން މި ޕްލާކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަޑް) އަހުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި، އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދިޔައިރު، އެ މަޝްރޫޢަށް ފައިސާ ހަމަޖައްސައިދިނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އެވެ. މާފަރުގެ އެއަރޕޯޓުގެ އާ އޭޕްރަން ތަރައްގީކޮށް ނިމުމާއެކު އެ އެއަރޕޯޓުގެ ކެޕޭސިޓީ އިތުރުވެ، ޕްރައިވެޓް ޖެޓްތަކަށް ފަސޭހަވެގެންދާނެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެ މަޝްރޫޢުތައް ހިންގުމަށް އެހީ ދިނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ.
އޭޑީއެފްޑީގެ އެހީއާއެކު ސަރުކާރުން މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އަގަކީ 415 މިލިއަން ޑޮލަރެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ވަނީ، ކޯޑް އީ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ގޮތަށް ރަންވޭ 2.8 ކިލޯމީޓަރަށް ބޮޑުކުރުމުގެ އިތުރުން، ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް އަދި ރަންވޭ އެއާފީލްޑާއި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކޮށްފައެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އިންޓަރނޭޝަނަލް ފެންވަރުގައި ހުޅުވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.