ENGLISH
20 ޑިސެމްބަރު 2025
ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން ފަށައިގެން ކުރިއަށް
20 ޑިސެމްބަރު 2025
|
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށްދަނީ. ފޮޓޯ: ގެދޮރުވެރިކަމުގެ ވުޒާރާ
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގަން މިއަދު ފަށައިފިއެވެ.
ގުރުނެގުން ކުރިއަށްދަނީ މާލޭގެ ކަލާފާނު ސްކޫލުގައެވެ. މިއަދު ކުރިއަށްދަނީ ގޯތި ލިބޭ ފަރާތްތަކަށް ޕްލޮޓް ކަނޑައެޅުމުގެ ގުރުނެގުމެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ގުރުނެގުން ކުރިއަށްގެންދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކަލާފާނު ސްކޫލުގެ ހޯލަށް ވަދެވެނީ ކޮންމެވެސް އެއް ފަރާތަކަށެވެ.
ޕްލޮޓްތައް އެލޮކޭޓްކޮށްފައިވާ ގޮތުގައި ތަފްޞީލް އެ ވުޒާރާއިން މިހާރު ވަނީ އާއްމުކޮށްފައެވެ. ޕްލޮޓް ލިބުމުން، ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނަ ގޮތް ވަނީ ހަދައިފައެވެ. އަދި، ޕްލޮޓް ނަންބަރު އެސްއެމްއެސް އަކުން ފޮނުވާނެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 7 ސައިޒެއްގެ 698 ގޯތީގެ ގުރުނެގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ގުރުނެގުމުގެ މަސައްކަތް ކަލާފާނު ސްކޫލުގައި ކުރިއަށްދާއިރު، ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.
ގޯތިތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުނަގަނީ. މަސައްކަތް ކުރިއަށްދަނީ ކަލާފާން ސްކޫލް ހޯލުގައި. ފޮޓޯ: ގެދޮރުވެރިކަމުގެ ވުޒާރާ
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ނިންމިއިރުު އެތަން ހިއްކާފައެއްނުވެއެވެ. އެސަރަޙައްދު ހިއްކައި ގޯތި ދިނުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި، އެމްޑީޕީ ސަރުކާރުން ނުހިއްކާ ދީފައި ހުރި ގޯތިތައް ލިބޭނެތޯ ވަރަށް ގިނަ ބަޔަކު ގެންދިޔައީ ސުވާލު އުފައްދަމުންނެވެ. ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިންތައް ހިއްކައި ކުރިން ގޯތި ލިބިފައިވާ ފަރާތްތަކަށް އެގޯތިތައް ދެއްވާނެ ކަމަށެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ދިނުމުގެ އިތުރުން، ގިރާފަޅާއި ރަސްމާލެ ހިއްކައިގެން ވެސް ގިނަ އަދަދެއްގެ ގޯތި ރައްޔިތުންނަށް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.