ENGLISH
19 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި
18 ޑިސެމްބަރު 2025
|
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިކަން ކުރިއަށް ގެންދިއުމަށް އެމްއެމްބީސީއާ ހަވާލުކުރަމަށް، އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ޒުވާނުންނާ ބެހޭ ވުޒާރާ
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޒުވާނުންނާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރެއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކެރެޓަރީ ފާތިމަތު އަހުމަދު އެވެ. އަދި އެމްއެމްބީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.
މިއީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާއި ގުޅިގެން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއި ގުޅޭ ކަންކަން، ހަމަހަމަކަމާ އެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެއް ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި އެމްއޯޔޫގެ ދަށުން މާލީ އެހީލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ވުޒާރާ އާއި ހިއްސާކުރުމާއެކު، އެ ފައިސާ މާލީ ވުޒާރާ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މީގެކުރިން މީޑިއާތަކަށް ފައިސާ ދޫކުރުމާ ގުޅޭ އިންތިޒާމްތައް ހަމަޖައްސަމުން އައީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިންނެވެ. އެހެންނަމަވެސް މާލީ އެހީތެރިކަން ލިބޭ މީޑިއާތައް އާއްމުކުރުމާއެކު، އެކަމާ މެދު ބައެއް މީޑިއާތަކާއި އާއްމުންގެ ޝަކުވާ ބޮޑުވުމުން އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ޙަވާލުކުރަން ސަރުކާރުން ނިންމި އެވެ.
މީޑިއާތަކަށް ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތަ އެވެ. އަމިއްލަ ކޮންމެ މީޑިއާއަކަށްވެސް ކުރިމަތި ލެވޭނީ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު"ގެ ދަށުންނެވެ. އަދި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ.
މިއުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ފުރިހަމަ ވާންޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި މިކަމަށް ބޭނުންވާ ފައިސާ ވަނީ ކަނޑައަޅައިފަ އެވެ.
މާލީ ގޮތުން އަމިއްލަ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ، އެ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ އަމިއްލަ ރައުޔަށް ކަންތައްތައްކުރުމުގެ ބާރުވެރިކަން ހޯދާއި ދިނުން ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.