ENGLISH

17 ޑިސެމްބަރު 2025

Advertisement

އާ ޓާމިނަލް އިން ސިންގަޕޯ އެއާލައިންސް އަށް ޚިދުމަތް ދޭން ފަށައިފި

16 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ސިންގަޕޯ އެއާލައިންސް އަށް ރަސްމީކޮށް ހިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އިން ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއާލައިންސް އަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

 މި ރަސްމިއްޔާތުގައި ސިންގަޕޯ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފައެެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް ކަމަށްވާ SQ432 އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އާ ޓާމިނަލްއަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350ގެ ފްލައިޓެކެވެ. އެމްއޭސީއެލް އިން ބުނީ މިއީ އާ ޓާމިނަލް އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކި ފުރަތަމަ ފަހަރުކަމަށެވެ. ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މާރިޗް 28، 1984ގަ އެވެ.

ސިންގަޕޯ އެއާލައިންސް އާއެކު ޓާމިނަލް 1 ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 32 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު