ENGLISH

17 ޑިސެމްބަރު 2025

Advertisement

މި ސަރުކާރުން ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ރައީސް

17 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އެކި ކުންފުނިތަކާ ތަރައްގީގެ މަޝްރޫއުތައް ހަވާލުކޮށްފަައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ކުރިއަށްގެންދެވި ބައްދަލުވުމުގައި އެ އަވަށުގެ ރައްޔިތަކުވަނީ މި ސަރުކާރުން މިފަހުން އަމިއްލަ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކުރީ ގާނޫނާއި ގަވާއިދުގެ އިންތަކުގެ ތެރެއިންތޯ ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މަޝްރޫއުތައް ހަވާލުކުރުމުގެ ހުރިހާ ކަމެއް ސަރުކާރުން ކުރިއަށްގެންދިޔައީ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެ ކުންފުނިތަކަށް ފައިސާ ދޫކުރާނީ އޮންނަ އުސޫލުތަކުގެ ތެރެއިން ލިޔެކިޔުން ފުރިހަމަކުރުމުން އަދި މަސައްކަތް ފުރިހަމަކުރާ މިންވަރަކުންކަމަށް ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުންފުނިތަކަށް އެޑްވާންސް ފައިސާ ދޫކުރާނީ ގެރެންޓީ ދިނުމުންނެވެ. އަދި އެެއަށްފަހު މަސައްކަަތް ކުރިއަށްދާ މިންވަރަކުން ދޫކުރާ ޕޭމެންޓުތައް ދެމުންދާނީ މަސައްކަތް ނިމޭ މިންވަރަކަށް ބަލައިގެން ކަމުގައިވެސް ވިދާޅުވިއެވެ. 

ރައީސްވަނީ ރައްޔިތުން ކަންބޮޑުވުންތައް މި މައްސަލާގައި އޮތުމުން އެއިން އެއްވެސް ކުންފުންޏަކާމެދު ކަންބޮޑުވާންޖެހޭ ކަމެއް އޮތްތޯ ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ސަރުކާރުން ހަވާލުނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. 

"އެހެންނަމަވެސް އެ ވާހަކަ ފާހަގަކުރެއްވީމަ ބަލައިދޭނަން އެ ހަވާލުކުރެވުނު އެއްވެސް ކުންފުންޏަކީ އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮތް ކުންފުންޏެއްތޯ. އެއްވެސް ފަރާތަކާއި ހަވާލެއް ނުކުރާނަން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް.،" ރައީސް ވިދާޅުވިއެވެ. 

ފާއިތުވި ނޮވެންބަރު މަހުގެ ހަވަނަ ދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި ނުވަ ދާއިރާއަކުން 206 މަޝްރޫއެއް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. މި މަޝްރޫއުތައް ހިންގާނީ 123 ރަށެއްގައެވެ. އެ މަޝްރޫއުތަކަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހިންގާ މަޝްރޫއުތަކެކެވެ. 

ކިޔުންތެރިންގެ ހިޔާލު