ENGLISH
17 ޑިސެމްބަރު 2025
ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް؛ މި އަހަރު ތެރޭ 3،789 އެނދު ބާޒާރަށް ނެރެފި
17 ޑިސެމްބަރު 2025
|
ރާއްޖޭގެ ރިސޯޓެއް
ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ، އެ ސިނާއަތުގެ ވިޔަފާރިތައް އިތުރުވަމުންދާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުންދާ މިންވަރު ބެލުމުގައި ބޭނުންކުރާ މައިގަނޑު މިންގަނޑަކީ އެ ސިނާއަތުގައި ހިދުމަތް ދިނުމަށް ނެރޭ އެނދުގެ އަދަދުކަމަށްވާއިރު، މި އަހަރުގެ ޖަނަވަރީން ފެށިގެން މި މަހުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް 3،789 އެނދު ނެރެވިފައިވާކަން މިނިސްޓްރީންގެ ހިސާބުތަކުން އެނގެއެވެ.
މި އަހަރުގެ ޖަނަވަރީ މސް ފެށިއިރު ރާއްޖޭގައި ހުރީ 63،248 އެނދެވެ. ނަމަވެސް މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 67،037 އެނދު އެބަހުއްޓެވެ. އެހެންކަމުން ފާއިތުވި މުއްދަތުގައި އަލށް 3،789 އެނދު ބާޒާރަށް ނެރެވިފައިވެއެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 1،319 ތަނެއް ހުރިއިރު، ރާއްޖޭގައި ހިދުމަތަށް ނެރެފައިވާ 67،037 އެނދުގެ ތެރެއިން، 44،523 އެނދަކީ ރިސޯޓުތަކުގެ އެނދެވެ. ގެސްޓުހައުސްތަކުގައި 16،594 އެނދު އަދި ސަފާރީތަކުގައި 3،3322 އެނދު އަދި ހޮޓާތަަކުގައި 2،598 އެނދު އޮޕަރޭޝަނަށް ނެރެ ބޭނުންކުރަމުންދެއެވެ.
ރާއްޖޭގައި މިވަގުތު ހިންގަނީ 178 ރިސޯޓާއި 958 ގެސްޓުހައުސްއާއި 167 ސަފާރީގެ އިތުރަށް 16 ހޮޓާކަަމަށް ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބުތަކުން ދައްކައެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،120،759 (ދެމިލިއަން އެއްލައްކަ ވިހިހާސް ހަތްސަތޭކަ ފަންސާސްނުވަ) ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ.