ENGLISH
17 ޑިސެމްބަރު 2025
ބާކީއެއް ނުކުރާނެ، ފްލެޓާއި ގޯތި ދިނުމުގައި މައިމުޅަވެފައިވާ މީހުން ޚާއްސަ ކެޓަގަރީއެއް އޮންނާނެ: ރައީސް
17 ޑިސެމްބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --
ފްލެޓާއި ގޯތި ދިނުމުގައި މައިމުޅަވެފައިވާ މީހުން ޚާއްސަ ކެޓަގަރީއެއް އޮންނާނެ ކަމަށާ އެކަމުގައި އެއްވެސް ބަޔަކު ބާކީކޮށް ނިކަމެތި ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލްވުމުގައި ރައްޔިތަކު ވަނީ މާމުޅަވެފައިވާ މީހުންނަށް ފްލެޓާއި ގޯތި ލިބުމުން މަޙްރޫމްވެފައިވާ ކަމަށް ބުނެ އެކަމުގެ ޝަކުވާ ކޮށްފަ އެވެ.
އެ ޝަކުވާ އަޑުއައްސަވާ ރައީސް ވިދާޅުވީ މައިމުޅަވެފައިވާ މީހުން ހަވާސާވެފައިވާ ވުން ނިމުމަކަށް ގެންނަވާނެ ކަމަށް އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އެ ގޮތުން މި ސަރުކާރުން އިޢުލާނު ކުރާ ހައުސިން މަޝްްރޫޢުތަކާއި ގޯތި ދިނުމުގެ ޕްރަގްރާމްތަކުގައި މައިމުޅަވެފައިވާ މީހުން ޚާއްސަ ކެޓަގަރީއެއް އޮންނާނެ ކަަމަށް ވިދާޅުވި އެވެ.
އެގޮތުން ފްލެޓާއި ގޯތިން ވެސް ވަކި އަދަދެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެފަދަ މީހުންނަށް ޚާއްސަ ގޮތްތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.
މައިމުޅަވުމަކީ އަންހެން ދަރީގެ ދަރީންނަށް ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. މި ގޮތް ދިމާވަނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުއްޓާ އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރީން ތިބުމުންނެވެ. މައިމުޅަވުމޭ ކިޔަނީ މި ގޮތް ދިމާވުމުން އަންހެން ދަރީގެ ދަރީން ކާފަ ނުވަތަ މާފަ ނުވަތަ މާމަ ނުވަތަ މުންނަގެ މުދަލުން މަޙްރޫމް ވާތީ އެވެ.