ENGLISH
15 ޑިސެމްބަރު 2025
ވައިގެ މަގުން އެތެރެކުރަން އުޅުނު 3 ކިލޯގެ ބަރުދަންހުރި 2 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި
15 ޑިސެމްބަރު 2025
|
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް، ފޮޓޯ: މިހާރު
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުން ތިން ކިލޯގެ ބަރުދަން ހުރި 2 މިލިއަނަށްވުރެ އަގުބޮޑު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވަނީ ކެނަބިސް ފަތްތަކެކެވެ. މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފާއިތުވި ހޮނިހިރު ދުވަހު ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަތުލައިގަނެފައިވަނީ ތިން ކިލޯގެ ކެނަބިސް ފަތެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެ ކަމުގައި ކަސްޓަމްސްއިން ބުނެފައިވެއެވެ.
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިކަން ތަހުގީގީ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހުކޮށް ވަކި އަދަދަކަށްވުރެ އިތުރަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.
އެގޮތުން 350 ގްެރާމަށްވުރެ އިތުރު އަދަދަކަށް ކެނަބިސް އެތެރެކުރާ މީހުންނާއި، 250 ގްރާމަށްވުރެ އިތުރު އަދަދަކަށް ޑައިމޯފިން އެތެރެކުރާ މީހުންނާއި، ކެނަބިސްއާއި ޑައިމޯފިން ފިޔަވައި ގާނޫނުގެ ޖަދުވަލުގައި ބަޔާންކުރާ އެއްވެސް މަސްތުވާތަކެތީގެ ބާވަތެއްގެ 100 ގްރާމަށްވުރެ އިތުރު މިންވަރެއް އެތެރެކޮށްފިނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސްވަނީ ޑިސެންބަރު 6، 2025 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ.
ސަރުކާރުން އަންނަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ނައްތައިލުމަށް ގިނަ މަސައްކަތްތަކެެއް ކުރަމުންނެވެ.