ENGLISH

15 ޑިސެމްބަރު 2025

Advertisement

ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށް އެޗްޑީސީން "އެސްޓޭޓް ސެކިއުރިޓީ" ތަޢާރަފްކޮށްފި

15 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގެ ރައްކާތެރިކަމަށް "އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް" ތަޢާރަފްކުރުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ރައްކާތެރިކަން މިހާރަށް ވުރެ އިތުރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް" ތަޢާރަފްކޮށްފިއެވެ. 

ޚިދުމަތް ތަޢާރަފްކުރީ ރޭ ފަރުކޮޅުފުށީގައި ބޭއްވި "ސޭފް ހުޅުމާލެ" އިވެންޓުގައެވެ. އެ އިވެންޓުގައި އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް އިފްތިތާޙުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ ޔުނީފޯމާއި ލޯގޯ ވަނީ ދައްކާލާފައެވެ. 

އެޗްޑީސީން ބުނީ، އެސްޓޭޓް ސެކިއުރިޓީ ސަރވިސް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށެވެ. 

އާ ޚިދުމަތުގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އަދި، ސެކިއުރިޓީ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. 

އެސްޓޭޓް ސެކިއުރިޓީ ސަރވިސް ތަޢާރަފްކުރުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

އެސްޓޭޓް ސެކިއުރިޓީއާއެކު، ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. 

ހުޅުމާލޭގެ އާބާދީ ބޮޑުވަމުން ދިއުމާއެކު، ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށް އެޗްޑީސީން މިހާރު ވެސް އަންނަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އާ ޚިދުމަތާއެކު އެމަސައްކަތް ވަނީ އިތުރަށް ފުޅާވެފައެވެ. 

އެޗްޑީސީގެ އަމާޒަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދީ، އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު