ENGLISH

16 ޑިސެމްބަރު 2025

Advertisement

ނުގަވާއިދުން ބިދޭސީން ހިންގަމުން އައި ދެ ވިޔަފާރިއެއް ހުއްޓުވައި އެއް ތަނަށް ނޯޓިސް ދީފި

15 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަނެ ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އިއްޔެ ދެ ތަނެއް ބަންދުކޮށް، އިތުރު ތަނަކަށް ނޯޓިސް ދީފިއެވެ. 

މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވްސް އިމިގްރޭޝަނުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، ގަވާއިދާ ހިލާފަށް ހިންގަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ނުވަ ތަނެއް ބަލައިފާސްކުރިއެވެ. 

ބަލައިފާސްކުރި ތަންތަނުގެ  ތެރެއިން ނުގަވާއިދުން ހިންގަމުން އައި ދެ ވިޔަފާރިއެއް ވަގުތުން ވަގުތަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުއްޓުވާފައިވާއިރު، އިތުރު ތަނަކަށް އެ ވުޒާރާއިން ނޯޓިސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. 

ނުގަވާއިދުން ބިދޭސީން ހިންގަމުންދާ ވިޔަަފާރިތައް ދެނެގަނެ ހުއްޓުވުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން އަންގާރަދުވަހުގެ ރޭ މަސާޖު ޕާލާތަކަކަށް ރެއިޑުކޮށް ބައެއް މީހުން ހައްޔަރުކުރިއެވެ. އެގޮތުން އެ ދުވަހު ހަތަރު މަސާޖު ޕާލާއެއް ބަލަައިފާސްކޮށް، ހަތަރު މީހުން ހައްޔަރުކުރިއެވެ. 

އެ ހަތަރު މަސާޖު ޕާލާ ހުއްޓުވުމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނޯޓިސް ފޮނުވާފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. 

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އިންވެސްޓުމެންޓު ގާނޫނުގެ ދަށުން އެކުލަވައިލި އުސޫލުން ރާއްޖޭގައި ދިވެހިންނަށް ނޫނީ ނުކުރެވޭނެ ވިޔަފާރިތައް ކަމުގައި ކަނޑައަޅާފައިވާ ވިޔަފާރިކުރާ ބިދޭސީން ހޯދައި އެ ވިޔަފާރިތައް ހުއްޓުވާނެ ކަމަށެވެ. 

އަދި އެފަދަ ވިޔަފާރިތަކާ ގުޅޭ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާކުރުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަފައިވެއެވެ. 

ނުގަވާއިދުން ބިދޭސީން ހިންގާ ވިޔަފާރިތަކުގެ މައުލޫމާތު ރިޕޯޓުކުރެވޭނެ ގޮތްތައް: 

  1. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު، މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، މިނިސްޓްރީއަށް ރިޕޯރޓް ކުރުން ، ނުވަތަ   
  2. މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ރިޕޯރޓްކުރުން (ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)، ނުވަތަ
  3. އިމިގްރޭޝަން ވޮޗް (https://imuga.immigration.gov.mv/report-offence) އަށް ރިޕޯރޓްކުރުން

ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށަހެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް އެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު