ENGLISH

15 ޑިސެމްބަރު 2025

Advertisement

އައިއެސްޑީބީން ރާއްޖެއަށް 400،000 ޑޮލަރުގެ އެހީ ދީފި

14 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ޚާއްސަކޮށްގެން 400،000 ޑޮލަރުގެ އެހީއެއް ދީފިއެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން، އައިއެސްޑީބީގެ ފަރާތުން ދެއްވާ އެހީތެރިކަމެކެވެ.

މި އެހީ ބޭނުންކުރާނީ ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާ، ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމަށެވެ. އަދި ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ޞިއްޙީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށް ވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ބައިވެރިވެފައިވާއިރު، ސިއްހީ ދާއިރާއާއި ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާ، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތައް ހިމެނެއެވެ. އަދި ތަފާތު އެކި ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރުމަށް ރާއްޖެއިން ބޭރުން ބައިވެރިވެފައިވަނީ އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނޭޝިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކެވެ.

މީގެއިތުރުން ޑަބްލިއުއެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކާއި ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑިވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މި ފޯރަމުގައި ވަނީ ބައިވެރިވެފައެވެ.

ޔޫ.އެޗް.ސީގެ މަޤްސަދަކީ އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް ތަފާތެއް ނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާ އެކު ލިބެންހުރުމެވެ.

ޞިއްޙީ ދާއިރާ ތަރައްގީކުރުމަށް އައިއެސްޑީބީން ހިލޭ އެހީ ދެއްވާފައިވާއިރު، މިމަހުގެ 13 އިން 14 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޔޫއެޗްސީ ފޯރަމްގައި ގިނަ ގައުމުތަކަކުން ވަނީ އެކި ގޮތްގޮތުން މި ދާއިރާ ކުރިއެރުވުމަށް އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު