ENGLISH

08 ޑިސެމްބަރު 2025

Advertisement

ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް، އެތަން ހިއްކާ ނިމުމުން ގޯތިތައް ޙަވާލުކުރާނަން: ރައީސް

07 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

މިދިޔަ ވެރިކަމުގައި ހުޅުމާލެ ފޭސް ތިނެއް ނުހިއްކައި، ގޯތި ދީފައި ތިބި އެންމެންނަށް ފޭސް ތިނެއް ހިއްކާ ނިމުނުހާ އަވަހަކަށް ގޯތިތައް ޙަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލެ ސަރަޙައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ސިލްސިލާ ގޮތެއްގައި ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ކަލާފާނު ސްކޫލުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އާއްމު ރައްޔިތުންގެ ގިނަ ސުވާލުތަކެއް ބޯހިޔާވަހިކަމާ ގުޅޭގޮތުން އަމާޒުކުރިއެވެ. އެގޮތުން ކުރީ ސަރުކާރުން ހުޅުމާލެ ފޭސް ތިނެއް ނުހިއްކައި، އެހެންނަމަވެސް ގޯތިދީފައިވާތީ އެ ގޯތިތައް ލިބޭނެތޯ އާއްމު ރައްޔިތަކު ސުވާލުކުރިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ގޯތިން ލިބުނުކަމަށް ނިންމާފައިވާ މީހުންނަށް ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިމުނުހާ އަވަހަކަށް ގޯތިތައް ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަމެވެ. 

ސަރުކާރުން މިހާރު އަންނަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ހިންގަމުންނެވެ. ފޭސް ތިނަކުން 63 ހެކްޓަރު ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށް 30 ހެކްޓަރު ވަނީ ހިއްކައިފައެވެ.

އެމްޓީސީސީން އެމަސައްކަތް ކުރަމުންގެންދަނީ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއި ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެހީގައެވެ.

ދެ ޑްރެޖަރުގެ އެހީގައި ފޭސް ތިނެއް ހިއްކުމުގެ ސްޕީޑް އަވަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ވިދާޅުވެފައެވެ. 

ބޯހިޔާވަހިކަމާ ގުޅޭގޮތުން ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ހިޔާ ފްލެޓްތަކުން ފްލެޓް ލިބުނުނަމަވެސް، މިދިޔަ ސަރުކާރުން އެ ފްލެޓްތައް ނުދޭން ނިންމި މީހުންނަށް މި ސަރުކާރުން ފްލެޓް ލިބޭނެ ކަމަށެވެ. 

އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްކޮޓަރީގެ ފްލެޓްގައި މިހާރު ދިރިއުޅެމުންދާ ފަރާތަކުން އެތަން ދޫކޮށްލާނަމަ ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ބަދަލުގެންނަވާނެ ކަމަށެވެ. 

މި ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ ފުރުޞަތަށް ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖަނަވަރީ މަހު ހުޅުވާލާނެއެވެ. އެގޮތުން މާލެ ސަރަޙައްދުން 15،000 ގޯތި ދޫކުރުމަށާއި، 3000 ފްލެޓް އެޅުމަށް ސަރުކާރުން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު