ENGLISH

05 ޑިސެމްބަރު 2025

Advertisement

ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ އަންހެން ޓީމަށް ރިހި މެޑަލް؛ ތާރީޚީ ކާމިޔާބީއެއް

05 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ލަންކާއާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ކެރަމް ވޯލްޑް ކަޕް / ސީއޭއެމް

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ އަންހެނުންގެ ޓީމް އިވެންޓުން ދިވެހި ރާއްޖެ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއަށް ޖެހިލައިފިއެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީޚުގައި ޓީމް އިވެންޓްގައި ރާއްޖޭގެ ޓީމެއް ފައިނަލެއް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ބާސެލޯ ނަސަންދުރާގައި މިހާރު ކުރިއަށްދާ މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.

ފައިނަލް މެޗުގައި ކުޅުނު ތިން ގޭމުގެ ތެރެއިން ޑަބަލްސް މެޗުގައި ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާގެ ޕެއާ އަތުން އިންޑިއާގެ މިތުރާ އާއި ކާޖަލް ކުމާރީގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގައި ހިމެނޭ އައިޝަތު ނަހުފާ. ފޮޓޯ: ކެރަމް ވޯލްޑް ކަޕް / ސީއޭއެމް

މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، ނަހުފާ އާއި ރަޔާނާގެ ޕެއާ ވަނީ 17-13 އިން ކުރިހޯދައި، ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު އިންޑިއާގެ ޕެއާ ކާމިޔާބުކުރީ 25-5 އިންނެވެ.

ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދް އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ހާޒިމާ މި މެޗު ކާމިޔާބުކުރީ 24-8، 25-8 އިންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ފައިނާޒް އަތުން އިންޑިއާގެ ކީރްތަނާ މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. އެއީ، 24-6، 25-1 އިންނެވެ.

މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުގެ އައިޝަތު ފައިނާޒް ކުޅެނީ. ފޮޓޯ: ކެރަމް ވޯލްޑް ކަޕް / ސީއޭއެމް

ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު