ENGLISH

19 ނޮވެމްބަރު 2025

Advertisement

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަށް ދަޢުވާކުރަން ފޮނުވައިފި

19 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގައި ދަޢުވާކުރަން ފޮނުވި، އާޝިދު (ކ) ވިސާމް އަދި ފާރިސް (ވ). އާޝިދަށް ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ދަޢުވާ

އއ. މާޅޮހުގައި ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ މެންދަމު، އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) މާރަލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. 

ޕީޖީ އޮފީހުން މިއަދު މީޑިއާތަކާ ޙިއްޞާކުރި މަޢުލޫމާތުގައި ބުނީ، މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކުރި ތިން މީހުންނަށް ދަޢުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ.

މައްސަލައިގައި ދަޢުވާކުރަން ފޮނުވީ، އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދު އާއި އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްގެ އިތުރުން އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށެވެ. 

ތިން މީހުންގެ ތެރެއިން އާޝިދަށް ކުރަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. 

ވިސާމްއާއި ފާރިސްގެ މައްޗަށް ކުރަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. 

ގޭގައި ނިދާފައި އޮއްވާ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރު ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އެރޭ ފަތިހުއެވެ.

އެ މައްސަަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި ޤާއިމުވެ ތިބެ ބޮޑު އޮޕަރޭޝަނެއް ހިންގިއެވެ. އަދި، މައްސަލައިގައި ތުޙުމަތުކުރެވޭ ތިން މީހުން ހައްޔަރުކުރީ 2025 އޮގަސްޓް 21 ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު