ENGLISH
19 ނޮވެމްބަރު 2025
ޗައިނާއާއި އިންޑިއާއާއެކު ކުރެވުނު މަސައްކަތުން ދަރަނިން އަރައިގަތުމުގެ ފުރުޞަތު ލިބިއްޖެ: ޑރ. ޚަލީލް
19 ނޮވެމްބަރު 2025
|
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ޗައިނާގެ ސަފީރާ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު، ޗައިނާއާއި އިންޑިއާއާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކީ "ބުރަބޮޑު" ދަރަނިން އަރައިގަތުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދިއުން ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިދިޔަ ދެ އަހަރު ގިނަ ޤައުމުތަކާއެކު ގުޅުން ބާއްވައި، ރާއްޖެއަށް ފައިދާތައް ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާގޮތަށް "އެންމެ ފުރަތަމަ ދިވެހި ޤައުމު، އެންމެ ފުރަތަމަ ދިވެހި ރައްޔިތުން" ގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޗައިނާއާއި އަވައްޓެރި އިންޑިއާއެކު ކުރެވުނީ، މާލީ ޙާލަތުން އަރައިގަތުމަށްޓަކައި މުހިއްމު މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ދެޤައުމާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކީ ރާއްޖެ ވަރަށް މާލީގޮތުން ދަށް ޙާލަތެއްގައި އޮއްވައި ރަނގަޅު ޙާލަތަކަށް މިއަދު ގެނެވި، އިރާދަކުރެއްވިއްޔާ އެ ބުރަ ބޮޑު ދަރަނިން އަރައިގަތުމަށް ފުރުސަތު ރާއްޖެއަށް މިހާރު މިވަނީ ލިބިގެންގޮސްފަ. " - ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
ޗައިނާއާއެކު މިހާރު ކުރަމުންގެންދާ މަސައްކަތްތަކަށް ބަލާއިރު، ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ނިމި، މަސައްކަތުގެ ބައެއް ޕްރޮޖެކްޓްތައް ހުރީ "އެޑްވާންސްޑް" ސްޓޭޖެއްގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އިތުރު ބައެއް މަޝްރޫޢުތަކާއި ގުޅޭގޮތުން ޗައިނާއާއެކު މަޝްވަރާ ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިންޑިއާއިން ދިން ލައިން އޮފް ކްރެޑިޓް (އެލްއޯސީ)، ފެސިލިޓީއާއެކު، ރާއްޖެއަށް ބޭނުންވާ ހައުސިންއާ ކުޅިވަރުގެ ދާއިރާތަކާއި އިޤްތިޞާދީ އެކިއެކި ދާއިރާތަކަށް އިންވެސްޓްކުރުމަށްޓަކައި ފުރުޞަތުތައް މިހާރު އެވަނީ ހުޅުވާލެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ލިބޭނެ ގޮތަށް ހާރިޖީ ގުޅުންތައް ބައްޓަންކުރުން ކަމަށެވެ.
އެ އުސޫލުގެ މަތީގައި ހުރިހާ ގައުމުތަކާއެކުވެސް ގާތް އެކުވެރި ގުޅުންތަކެއް ގާއިމުކުރެވި، އެ ގުޅުންތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ބޮޑު މަންފާއެއް ހޯދުމަށް ގިނަގުނަ މަސައްކަަތްތައް ސަރުކާރުން ކޮށްފައިވާކަމަށާއި، އެ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.