ENGLISH

19 ނޮވެމްބަރު 2025

Advertisement

އާ ޓާމިނަލް ހުޅުވުމާއި، އެނދުގެ އަދަދު އިތުރުވުމާއެކު ވަޒީރު ދެއްވީ ފަތުރުވެރިން އިތުރުވާނެކަމުގެ ޔަގީންކަން

19 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއި، ރާއްޖޭގައި މިހާރު ޓޫރިޒަމަށް އެނދު އިތުރުވަމުން ދިއުމާއެކު، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ދެއަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން އެމްއެމްޓީވީއާ ވާހަކަދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށެވެ. 

ވަޒީރު ވިދާޅުވިގޮތުގައި، އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރާއްޖެއަށް އިތުރުކުރެވުނު ފަތުރުވެރިކަމުގެ އެނދުގެ އަދަދު އިތުރުވުމެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ނޮވެމްބަރު 17 ވަނަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރު އެކަނި ވެސް ޓޫރިޒަމަށް 2995 އެނދު އިތުރުކުރެވުނު ކަމަށެވެ. އަދި، މިދިޔަ ދެއަހަރުތެރޭ 6223 އެނދު އިތުރުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނޮވެމްބަރު 19 ވަނަ ދުވަހު އާއްމުކުރި ތަފާސްހިސާބުގައި ވާގޮތުން، އަހަރުގެ މިހާތަނަށް 1،943،305 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ތަފާސްހިސާބަށް ބަލާއިރު، މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ވަނީ 9.9 އިންސައްތަ އިތުރުވެފައެވެ. 

ވަޒީރު ޠާރިޤު ވިދާޅުވީ އެނދުގެ އަދަދު އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އާ ޓާމިނަލާއެކު ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

"ޚާއްޞަކޮށް އަޅުގަނޑު ބަލާލާނަން މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ހުޅުލޭ އެއާޕޯޓުގެ ޓާމިނަލްގެ ސަބަބުން މިހާރުވެސް އޭގެ ރަނގަޅު ބަދަލުތައް ރާއްޖެ އަންނަން ފަތުރުވެރިން އިތުރުވެ އަދި ކުރިއަށް އޮތް ތަނުގައި ވެސް ފަތުރުވެރިން އިތުރުވެގެންދާނެކަމީ ޔަޤީންކަމެއް " - ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް

ވަޒީރު ވިދާޅުވީ، ރިސޯޓުތައް އިތުރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތްކޮށް، ރާއްޖޭގެ ފަތުރުވެރިން އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ވައިގެމަގުންނާއި ކަނޑުގެ މަގުން ދަތުރުކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު