ENGLISH
15 ނޮވެމްބަރު 2025
އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް، ތިން މަސްތެރޭ ބަހައްޓާނެ: ރައީސް
15 ނޮވެމްބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --
ވަރަށް އަވަހަށް އިތުރު 70 ރަށެއްގައި ބެންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ބަަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ އެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނެސް ދެއްވި ރައީސް މުޢިއްޒު އެކަން އިޢުލާނު ކުރެއްވީ މިރޭ އޮތް "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަން ކުރައްވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުންނެވެ. އެގޮތުން ހުރިހާ ރައްޔިތުންގެ ފަސޭހައަށް ކަންކަން ފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ވަރަށް ގިނަ ރަށްރަށަށް ދެވަނަ ފަހަރަށް ވެސް ވަޑައިގެންނެވުނުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން ތިބި ޙާލަތު އެމަނިކުފާނަށް ފެނިވަޑައިގެންފި ކަމަށެވެ.
ކަންކަން ކޮށްދޭން ޖެހެނީ ވެރިރަށާއި ސިޓީތަަކަށް އެކަނި ނޫން ކަމަށާ އެއްވެސް ރަށެއް ތަފާތުނުކޮށް ތަަރައްޤީގެ ފުރުސަތުތައް މި ސަރުކާރުން ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފެށުމަކީ އެކަމުގެ މިސާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ވަރަށް އަވަހަށް އިތުރު 70 ރަށެއްގައި ބެންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ބަަހައްޓާނެ ކަަމަށެވެ. އެގޮތުން އަންނަ މާޗް މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ރަށު ފަތުރުވެރިކަން އެންމެ ފުޅާކޮށް އޮތް ރަށްތަކާއި އާބާދީ ބޮޑެތި ހުރިހާ ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.