ENGLISH

12 ނޮވެމްބަރު 2025

Advertisement

ވަޓްސްއެޕް މެދުވެރިކޮށް މިހާރު ބީއެމްއެލްގެ ޓްރާންސެކްޝަންތަކަށް އޯޓީޕީ ލިބޭނެ

12 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފިއެވެ. 

ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައި އެކަން ބީއެމްއެލްއިން އާއްމުކުރީ އިއްޔެއެވެ. 

އެ ބޭންކުން އާއްމުކުރި މަޢުލޫމާތުގައި ބުނީ އާ ޚިދުމަތާއެކު، ކަސްޓަމަރުން ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އޯޓީޕީ ލިބޭނެ ކަމަށެވެ. 

"ޑިޖިޓަލް ބޭންކިންގެ ބޭނުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް. އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭގޮތް ހެދުމަކީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގެ ޚިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. 

ވަޓްސްއެޕްގެ އިތުރުން ބީއެމްއެލްގެ ރަސްމީ އޯޓީޕީ ޗެނަލްގެ ގޮތުގައި މިހާރު ހިމެނެނީ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓަރއެވެ. 

ބީއެމްއެލްއިން ބުނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހަދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިން ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިޚްތިޔާރުކުރާ ގޮތް ބަދަލުކުރެވޭނެ ކަމަށެވެ.

އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލުކުރުމުގެ މަރުޙަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލެއް ބޭނުންކުރަން ޖެހޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. 

ބީއެމްއެލްއިން ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހެދިއިރު، އެ ބޭންކުން އިއްޔެ ވަނީ ކިއުއާރް ކޯޑް ބޭނުންކޮށްގެން ފައިސާ ޓްރާންސްފާ ކުރެވޭ ޚިދުމަތް ވެސް ތަޢާރަފްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު