ENGLISH
12 ނޮވެމްބަރު 2025
އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީން ރައީސަށް މަރުޙަބާ ދަންނަވައިފި
11 ނޮވެމްބަރު 2025
|
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޯޑް މެންބަރުން --
އީ-ވިޒާ އާއި އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން އެކަމަށް މަރުހަބާ ކިޔައިފި އެެވެ.
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ މޯލްޑިވްސް 2.0 ޤައުމީ ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއެކު އީ-ވިޒާގެ ހިދުމަތްތައް ތަޢާރަފުކުރުމާއި ބިދޭސީ މަސައްކަތްތެރީންގެ މައުލޫމާތު ދެނެގަނެވޭނެ އެޕްލިކޭޝަނެއް ލޯންޗް ކުރުމަކީ މި އިންޑަސްޓްރީގެ މަސައްކަތްތަކަށާއި ހިންގުމުގެ ދާއިރާ އާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ.
އެހެން ކަމުން މި ޚިދުމަތްތައް ތަޢާރަފު ކުރެއްވުން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ އެސޯސިއޭޝަންގެ މެންބަރުންނާއި ހިންގާ ކޮމެޓީގެ މެންބަރުންގެ ނަމުގައި ތަޙްނިޔާ ދަންނަވައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ބުނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބިދޭސީންގެ މައުލޫމާތު އެކުލެވޭ އަދި ފަސޭހައިން ކާކުކަން ދެނެގަނެވޭ އެޕްލިކޭޝަނާއި އީ-ވިޒާގެ ނިޒާމަކީ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ގާއިމަކަށް ނުހަނު ބޭނުންތެރި އަދި ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތްތަކެއް ކަމަށެވެ.
ބިދޭސީ މަސައްކަތްތެރީން ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ދެއްވާ ސަމާލުކަމާއި ކޮންޓްރޯކާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ފަސީހް އާއި އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަަސައްކަތްތަކާއި ކަމާބެހޭ މުވައްޒިފުން ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އެ އެސޯސިއޭޝަނުން ފާހަގަކުރަނީ މި މަސައްކަތުގައި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދިނުމުގެ ޔަޤީން ކަމާއެކު ކަމަށް ބުނެފައިވެ އެވެ.
އެ އެސޯސިއޭޝަނުން އުންމީދުކުރަނީ އިމިގްރޭޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ބިދޭސީން ފިލުމާއި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބުމާއެކު ކޮންސްޓްރަކްޝަން މަސައްކަތްތައް ހިންގުން ފަސޭހަވެ މަސައްކަތަކަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމުގަ އެވެ.