ENGLISH
11 ނޮވެމްބަރު 2025
ލަންކާ މީހުން ތިބި ބޯޓުން 335 ކިލޯގެ މަސްތުވާތަކެތި ފެނުނު: ފުލުހުން
10 ނޮވެމްބަރު 2025
|
ލަންކާގެ މަސް ބޯޓް: ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ "އަވިޝްކާ ޕުތާ" އިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފި އެވެ.
މި މަހުގެ ހަތްވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އެމް.އެން.ޑީ.އެފްއިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި ފަސް ފަޅުވެރިން އިއްޔެ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި މިއަދު ކޯޓު އަމުރެއްގެ ދަށުން މި އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.
މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކުރެވިފައިވާ ކަމަށެވެ. އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.