ENGLISH
11 ނޮވެމްބަރު 2025
އެސްއީއެޒްގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
10 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީޤު ކުރައްވަނީ --
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފި އެވެ.
މި ބިލަކީ، ނޮވެންބަރު ފަހެއް ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
އެގޮތުން ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރުމުގެ ޚާއްޞަ ޝަރުޠުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭކަމަށް ބިލަށް ގެނެވުނު އިޞްލާޙްގައި ހިމެނެއެވެ.
އަދި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްޤީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ހިމެނެ އެވެ.
މީގެ އިތުރުން، މިފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިޢާދަކުރަނިވި ހަކަތައަށް ވާންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް ލިބިދެވޭ ޚާއްޞަ ޢިނާޔަތްތައް މި ބިލުގައި ވަނީ ހިމަނާފަ އެވެ.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފަ އެވެ.