ENGLISH
03 ނޮވެމްބަރު 2025
އެއާޕޯޓުން ފައިސާ ފޭރުނު މައްސަލަ؛ ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025
|
ފޭރުމުގެ ތުހުމަތު އޮތް މީހުން --
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ މުވައްޒަފުންތަކެއް އަތުން ފައިސާތަކެއް ފޭރިގަތުމަށް ފަހު، ފިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި އެވެ.
އެއާޕޯޓުގެ އާ ޓާމިނަލަށްދާ ވޯކްވޭއިން ފައިސާތަކެއް ފޭރިގަތް މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރެވެ.
ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ފިލަން މަސައްކަތްކުރި ލޯންޗު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
އެ ހަތަރު މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ. ފުލުހުން ބުނީ ފޭރުމުގެ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ޖަހައިދިން 5 ދުވަހުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ކޯޓުން އެންގީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރުމަށެވެ.
ފޭރުމުގެ މި އަމަލާއި ގުޅިގެން ފުލުހުންގެ އަވަސް ތަހުގީގާއި ތުހުމަތުވާ މީހުން ހައްޔަރުކޮށް ފުލުހުން އަމަލުކުރި ގޮތަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވަނީ ތަޢުރީފު ކުރައްވާފަ އެވެ.
ފޭރުނު ފައިސާތަކުގެ އަދަދު ގާތްގަނޑަކަށް 130،000 ޑޮލަރަށް އަރާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައިގެން ފައިސާތައް ފޭރިގަތުމަށްފަހު އެމީހުން އެ ފައިސާތައް އެރުވީ ލޯންޗަކަށެވެ.