ENGLISH
30 އޮކްޓޯބަރު 2025
ދ. ބަނޑިދޫ އާއި މީދޫގައި ގާއިމުކުރި އައިސްޕްލާންޓްތައް ހުޅުވައިފި
30 އޮކްޓޯބަރު 2025
|
މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނައުމަށްޓަކައި، ދ. އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރެވުނު އައިސްޕްލާންޓްތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ހުޅުއްވައިދެެއްވައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންދެވީ މިފްކޯއާ ހަވާލުކޮށްގެންނެވެ. މިގޮތުން، ދ. ބަނޑިދޫގައި ގާއިމުކުރީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ. މިކަމުގެ ސަބަބުން ބަނޑިދޫގެ މަސްވެރިންނަށް މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ލިބުމުގައި ކުރިމަތިވާ ދަތިކަން ހައްލުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
އަދި ދ. މީދޫގައި ވެސް ވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ރަސްމީކޮށް ހުޅުވާފައެވެ. މި ފެސިލިޓީ ހުޅުއްވައިދެއްވީ ވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމުއެވެ.
މީދޫ އާއި އެ ސަރަހައްދުގެ މަސްވެރި ރަށްތަކުގެ މަސްވެރިންނަށް އައިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިފަދަ ބޮޑު ފެސިލިޓީއެއް ގާއިމުވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ދެ އައިސްޕްލާންޓް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދ. އަތޮޅުގެ މަސްވެރިންނަށް އައިސްގެ ދަތިކަމެއް ކުރިމަތިނުވެ، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުމެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އާ ހިތްވަރެއް ލިބި، ރަށު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.