ENGLISH
30 އޮކްޓޯބަރު 2025
ބަޖެޓު 2026؛ ސިއްހީ ދާއިރާގެ ޕީއެސްއައިޕީ ބަޖެޓަށް %97 ގެ އިތުރުވުމެއް
30 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަރުމަވަންތަ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑު ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިއްހީ ކަންކަމަށް 8.8 ބިލިއަން ރުފިޔާ އަދި ސިއްހީ ދާއިރާގެ ޕީއެސްއައިޕީގެ ބަޖެޓުގެ ތެރެއިން ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 917.7 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބަަޔާންކޮށްފަައިވާ ގޮތުން ސިއްހަތުގެ ދާއިރާއަށް 8،819،618،138 (އަށްބިލިއަން އަށްސަތޭކަ ނަވާރަ މިލިއަން ހަލައްކަ އަށާރަހާސް ސަތޭކަ ތިރީސްއަށް) ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
އެ ފައިސާގެ ތެރެއިން ބޭސްފަރުވާއަށް ހަރަދުކުރުމަށް 894 މިލިއަން ރުފިޔާ އަދި ސިއްހީ އާލާތްތަކަށް 206.8 މިލިއަން ރުފިޔާ އަދި ތެރަޕިއުޓިކް އެޕްލައިންސްއާއި އިކުއިޕްމެންޓަށް 53 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ އިތުރަށް އައުޓްޕޭޝަންޓު ހިދުމަތްތަކަށް 2.03 ބިލިއަން ރުިޔާ ހިމަނާފައިވެއެވެ.
ހޮސްޕިޓަލުތަކުގެ ހިދުމަތްތަކަށް 5.1 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު އެއިން 4.4 ބިލިއަން ރުފިޔާއަކީ ހޮސްޕިޓަލުގެ އާއްމު ހިދުމަތްތަކަށް ހާއްސަކުރި ފައިސާއެވެ. އަދި ހޮސްޕިޓަލުތަކުގެ ހާއްސަ ހިދުމަތްތަކށް 668 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެއެވެ.
އާއްމު ސިއްހީ ހިދުމަތްތަކަށް 191 މިލިއަން އަދި ސިއްހީ ދާއިރާގެ ރިސާޗާއި ޑިވެލޮޕްމެންޓަށް 15.5 މިލިއަން ރުފިޔާ އަދި ސިއްހީ ދާއިރާއާ ގުޅުންހުރި އެހެނިހެން ކަންކަމަށް 254 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ހާއްސަކޮށްފައިވާ ނުވަ ބިލިއަނެއްހައި ރުފިޔާގެ ތެރެއިން ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވަނީ 917.7 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރު ޕީއެސްއައިޕީ ބަޖެޓުން ސިއްހީ ދާއިރާއަށް ހާއްސަކުރީ 466.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ސިއްހީ ދާއިރާއަށް ކަނޑައެޅި ޕީއެސްއައިޕީ ބަޖެޓުވަނީ 96.6 އިންސައްތައިން އިތުރުވެފައެވެ.
މި އަހަރުގެ ބަޖެޓުގައި ސިއްހަތާ ގުޅުންހުރި ބިނާރުތަކަށް 814.7 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ ކްލިނިކުތަކަށް ހިމެނި 31.0 މިލިއަން ރުފިޔާއާއި ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހިމެނި 232.4 މިލިއަން ރުފިޔާއާއި ހޮސްޕިޓަލުތައް ތަރައްގީކުރުމަށް ހިމެނި 430 މިލިއަން ރުފިޔާއާއި، ލެބޯޓަރީއާއި ޑައިގްނޯސްޓިކް ސެންޓާރުތަކަށް ހިމެނި 120.8 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރަށް ނަފްސާނީ ދުޅަހެޔޮޮކަމަށާއި ރިހެބިލިޓޭޝަނަށް ހަރަދުކުރުމަށް 102.9 މިލިއަން ރުފިޔާ 2026 ގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެއީ މި އަހަރުގެ ބަޖެޓުގައި އެ ދާއިރާއިން ހިމެނި 4.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 2238 އިންސައްތަ އިތުރު އަދަދެކެވެ.
ހިނގަމުންދާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެ ދާއިރާ ފިޔަވައި ދެން އެންމެ ބޮޑު އިސްކަމެއް ދޭ ދާއިރާއެއްގެ ގޮތުގައި ބަޖެޓުގައި އޮތީ ތައުލީމީ ދާއިރާއެވެ.