ENGLISH

30 އޮކްޓޯބަރު 2025

Advertisement

ބޭރު ފައިސާގެ ސިޔާސަތު ކާމިޔާބު؛ މިސްރާބު ހުރީ ރިޒާވް އިތުރަށް ތިޔާގިވުމަށް

30 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ދައުލަތުގެ ރަސްމީ ރިޒާވް އަންނަނީ ބޮޑު ތަނުން އިތުރުވަމުން، ފޮޓޯ: ދިޔަރެސް

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެ، ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރެވިދާނެކަމާމެދު ޝައްކު އުފެދޭ އެންމެ ބޮޑު އެއް ސަބަބުކަމުގައިވާ ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރިޒާވް ތިޔާގިވަމުންދާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަައިދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގައި ހުރީ 591 މިލިއަން ޑޮލަރު ކަމަށެވެ. އަދި ބޭނުންކުރެވޭ ގޮތަށް ރިޒާވް ހުރީ 100 މިލިއަން ޑޮލަރަށްވުރެ ދަށުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ރިޒާވްގެ ހާލަތު ބަލިކަށިވުމާއި ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވުމުގެ ސަބަބުން ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓަރ ޕޮޒިޝަން އޮތީ އިންތިހާއަށް ބަލިކަށިވެފައިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ހާލަތުން އަރައިގަތުމަށް ފާއިތުވި މުއްދަތުގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށެވެ. 

އެގޮތުން ބޭރު ފައިސާގެ ގާނޫނު އެކުލަވައިލާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ދިވެހި ބޭންކުތަކަށް ޖަމާކުރުމާއެކު، އެ ވިޔަފާރިތަކުގެ އާމްދަނީން ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކުރުމާ ގުޅިގެން ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދިޔައެވެ. 

ޒަމީރު ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރުގެ ނިޔަލަށް ރިޒާވްގައި ހުރީ 673.9 މިލިއަން ޑޮލަރެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަަވަޅުތަކާއެކު މިހާރު އެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޒަަމީރު ވިދާޅުވި ގޮތުގައި މިހާރު ރަސްމީ ރިޒާވްގައި 869 މިލިއަން ޑޮލަރު ހުރިއިރު ބޭނުންކުރެވޭ ރިޒާވް ހުރީ 200 މިލިއަން ޑޮލަރަށްވުރެ މަތީގައެވެ. 

"އެކްސްޓާނަލް ސެކްޓަރ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން ސެޕްޓެމްބަރގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި. އެއާ އެކު، 200 މިލިއަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާކުރެވޭ.،" މިނިސްޓަރު ވިދާޅުވިއެވެ. 

މި އަހަރުގެ މިހާތަނަށް ރަސްމީ ރިޒާވްގައި 860 މިލިއަން ޑޮލަރު ހުރިއިރު، މި އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 848.6 މިލިއަން ޑޮލަރު ހުންނާނެ ކަމުގައި ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނިމުނު އަހަރުގެ ނިޔަލަށް ރިޒާވްގައި ހުރީ 673.9 މިލިއަން ޑޮލަރެވެ. 

އަދި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރިޒާވްއަށް އަންނަ ކުރިއެެރުން އެގޮތުގައި އަންނަ އަހަރުވެސް ރިޒާވްއަށް އަންނާނެއެވެ. އެގޮތުން އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 903.7 މިލިއަން ޑޮލަރު ހުންނާނެ ކަމުގައި ލަފާކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު