ENGLISH

25 އޮކްޓޯބަރު 2025

Advertisement

ތަޤުވާވެރިވާ ކޮންމެ މީހަކީ، މާތް ﷲ ގެ ވަލިއްޔެއް: ޚުޠުބާ

24 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމީ މަރުކަޒު. --

މާތް ﷲ ގެ ވަލިއްޔުންނަކީ، އީމާންވެ ތަޤުވާވެރިވީ މީހުން ކަމަށާއި، ތަޤުވާވެރިވާ ކޮންމެ މީހަކީ މާތް ﷲ ގެ ވަލިއްޔެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"މާތް ﷲ ގެ ވަލިއްޔުން" މި މަޢުޟޫއަށް މިއަދު ދިން ޚުޠުބާގައި ވަނީ، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާ ބައްދަލުކުރާއިރު ވަލިއްޔުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި، އަދި ދުނިޔެމަތީގައި އެބައިމީހުން ދޫކުޅަ ކަންތަކަށް ހިތާމައެއްވެސް ނުކުރާނެ ކަމަށް ބުނެފައެވެ.

ޚުޠުބާގައި ބުނީ، މާތް ﷲ ގެ ވަލިއްޔުންނަކީ ކޮންބައެއްކަން ދަންނަން ޖެހޭ ކަމަށާއި، އިންސާނާއަށް އެކަލާނގެ ވަލިއްޔުންގެ ދަރަޖައަށް ވާސިލްވެވޭނީ ކިހިނަކުންކަން ވެސް ދަންނަން ޖެހޭ ކަމަށެވެ. އަދި، އެކަލާނގެ ވަލިއްޔުންނަށް ދެއްވަވާ ޖަޒާއަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"މާތް ﷲގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެންނެވެ. ފުރަތަމަ ޝަރުތަކީ، މާތް ﷲ އަށް ފުރިހަމައަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދެވަނަ ޝަރުތަކީ، އެކަލާނގެ އަށް ތަޤުވާވެރިވުމެވެ. އެއީ، މާތް ﷲ އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ﷲ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީ ކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެ ގޮތުން އިންސާނާއަށް ކުރެވޭނެ އެންމެ މަތިވެރި އެއް އަމަލު ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުޠުބާގައި ބުނީ، މާތް ﷲ ގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެއް ކަމަށާއި، އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެއް ކަމަށެވެ.

ކިތަންމެ މާތް އިންސާނެއް ކަމުގައިވިޔަސް ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

"އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ، ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުމެވެ. އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުމެވެ. އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެކެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލައްވާފައިވަނީ، މި ފަދަ ޢަމަލުތަކަކީ، މާތް الله ފިޔަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެއް ކަމަށާއި، އަދި، މިއީ ތަޢުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެއް ކަމަށްވުމާއެކު އެފަދަ ޝިރުކުގެ ޢަމަލުތަކާ ދުރުހެލިވެ ތިބުމަށް އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު