ENGLISH
25 އޮކްޓޯބަރު 2025
ފީފާގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
24 އޮކްޓޯބަރު 2025
|
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ ) ގެ ރައީސް ޖިއަނީ އިންފަންޓީނޯ، ރައީސުލްޖްމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފަ. އަދި ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ، އެކަމަށް ޝުކުރު އަދާކުރައްވާފައިވޭ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަޤްބޫލު ކުޅިވަރުކަން ފާހަގަކުރައްވާފަ. އަދި، ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ މުހިންމު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވި. ރައީސުލްޖްމްހޫރިއްޔާ ވަނީ ސަރުކާރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވަމުންގެންދަވާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާފަ. މީގެ އިތުރުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި.